ޚަބަރު
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޙަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި
ޙަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
ރަމަޟާން މަހާ ދިމާކޮށް މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޙަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ފުލުހުން އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތަކީ، ކޮންމެ އަހަރަކު ވެސް ރަމަޟާން މަހަކީ މަގުމަތީގެ ދަތުރުތައް ގިނަވެ އެކްސިޑެންޓުތައް ވެސް ގިނަވާ ދުވަސްވަރެއް ކަމަށް ވާތީ ދުރާލާ އެކަމަށް ހޭލުންތެރިކޮށް، ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޙަރަކާތެއް ކަމަށެވެ.
އެގޮތުން، މި ޙަރަކާތުގައި ހުޅުމާލޭގައި މީހުން ގިނައިން އެއްވެ އުޅޭ ސަރަޙައްދުތަކުގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ކަމާބެހޭ މެސެޖުތައް އިއްވުމުގެ އިތުރުން، ޢާންމުންނާ ބައްދަލުކޮށްގެން ވާހަކަދައްކައި ހޭލުންތެރިކުރުވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިގޮތުން، އެއްގަމު އުޅަނދު ދުއްވަން ކަނޑައަޅާފައިވާ ދުވެލީގައި ދުއްވަން އާދަކުރުމަށާއި، ހިނގާބިގާވެ އުޅޭ މީހުން ވެސް ދުއްވާ އެއްޗިއްސަށް ސަމާލުވުމަށާއި، ކަފިހިހުރަސް ބޭނުންކުރަންވާ ގޮތުގެ އިރުޝާދުތަކާއި، ބުރު ވަށައިގެން ދުއްވާއިރު ވިސްނަންޖެހޭ ކަންކަން ފަދަ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގިނަ މެސެޖުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ޙަރަކާތް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.