ޚަބަރު
މޫސުމީ ބަދަލުތަކަށް އަހުލުވެރިވެ، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 'ވިލުންވެށި ސްކޫލް ގާޑަން' ޕްރޮގްރާމް އިފްތިތާޙުކޮށްފި
ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
މޫސުމީ ބަދަލުތަކަށް އަހުލުވެރިކުރުވުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ "އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން 'ވިލުންވެށި ސްކޫލް ގާޑަން' ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޕްރޮގްރާމަކީ ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއާއި، ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި ތަޢުލީމީ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ މީރުމާ ހޯލްގައި ބޭއްވި އޮރިއެންޓޭޝަން ވޯކްޝޮޕެއްގައެވެ.
މި ވޯކްޝޮޕް އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސްކޫލްތަކުގައި ދަނޑުވެރިކަމުގެ ތަފާތު ގޮތްތައް ތަޢާރަފްކޮށް، ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ކާނާއަށް ލޯބިޖެއްސުމުގެ މުހިންމުކަން ސްޓޭޓް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވުޒާރާގެ އެޑިއުކޭޝަން ސުޕްރިންޓެންޑެންޓް އިސްމާއީލް ސައުދުﷲ ވިދާޅުވީ، ކްލާސްރޫމްގައި އުނގަންނައިދޭ މިފަދަ ފިލާވަޅުތަކުގެ ބޭނުން ދަރިވަރުން ޢަމަލީ މައިދާނުގައި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ސްކޫލްތަކުގައި ހިންގޭ ގަސް އިންދުން ފަދަ ޙަރަކާތްތަކަކީ ވެސް ތިމާވެށްޓަށް ލޯބިކުރާ، ޒިންމާދާރު އަދި ދުޅަހެޔޮ އާދަތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަޙައްދުގެ 3 ސްކޫލެކެވެ. އެއީ ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުޙްޔިއްދީން ސްކޫލެވެ. މި ސްކޫލްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށް ބަގީޗާތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މި ވޯކްޝޮޕްގައި ސްކޫލްތަކާއި ކަމާގުޅޭ ވުޒާރާތަކުން ޖުމްލަ 50 ބައިވެރިން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ސަބަބުން ތިމާވެށްޓާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ލިބި، ދުޅަހެޔޮ ކާނާ ބޭނުންކުރުމަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެންދާނެ އެވެ.

އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް، އޯޝަން ރެސިލިއަންސް ކޯސްޓަލް އެޑަޕްޓޭޝަން ޓްރަސްޓް ފަންޑް އަދި ދިވެހި ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރަށްތަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމެވެ.