ޚަބަރު
ރާއްޖެއަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، މާލެ ސަރަޙައްދަށް ރަތް ސަމާލު!
ވައި ނުސާފު/ފޮޓޯ: ހަފްތާ އޮންލައިން
ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، މާލެ ސަރަޙައްދަށް ރަތް ސަމާލު ނެރެފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖެއަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވާނެކަމުގެ އިންޒާރު މެޓް އޮފީހުން ދީފައިވާއިރު، މިއަދު އެންމެ ބޮޑަށް ވައި ނުސާވުވެފައި ވަނީ މާލެ ސަރަޙައްދަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. ވައިގެ ނުސާފުކަން މިވަގުތު އެންމެ މަތީގައި އުޅެނީ ވިލިމާލެ ސަރަޙައްދުގައެވެ. އެ ސަރަޙައްދުގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި ވައިގެ ފެންވަރު ހުރީ 154 ގައެވެ. މިއީ "ރެޑް އެލާޓް" ނުވަތަ އެންމެންގެ ޞިއްޙަތަށްވެސް ނުރައްކާވާ ފަދަ ދަރަޖައެކެވެ.
މީގެ އިތުރުން، "އައިކިއު އެއާ"ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވިލިމާލޭގެ ވައިގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް 2.5 ހުރީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 12 ގުނަ އިތުރަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ދުންފުހުގެ އަސަރު ހުންނާނެކަމަށް ލަފާކުރެވޭއިރު، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސަރަޙައްދުތަކަކީ ށ. ފުނަދޫ، ހދ. ކުޅުދުއްފުށީ، ދ. ކުޑަހުވަދޫ، ފުވައްމުލައް، އަދި އައްޑޫ ސިޓީއެވެ.
އެކި ސަރަޙައްދުތަކުގައި ވައިގެ ކޮލިޓީ ހުރި މިންވަރު:
- ހދ. ކުޅުދުއްފުށި: 159
- ށ. ފުނަދޫ: 68
- ދ. ކުޑަހުވަދޫ: 119
- ފުވައްމުލައް: 82
- އައްޑޫ ސިޓީ: 110
ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ޞިއްޙަތަށް އިތުރު ނުރައްކާ ކުރިމަތިވެއެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ. އެހެންކަމުން، މި ހާލަތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށާއި، ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.