ޚަބަރު
ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި
ކޯސް ފެށުން/ފޮޓޯ: ފުލުހުން
ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި އެވެ.
މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ.
މިހިނގާ ފެބްރުއަރީ މަހުގެ 15 އިން ފެށިގެން މާރިޗު 14 އަށް މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގައެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ތަމްރީނަކީ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ތަމްރީނެއް ކަމަށެވެ. އަދި މި ތަމްރީނުގައި، ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ޢިލްމާއި، ހުނަރާއި އަދި ސުލޫކީ މިންގަނޑުތައް އުނގަންނައިދޭނެކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި ތަމްރީނުގެ ތެރެއިން، ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާއީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ޤާނޫނާއި ޤަވާއިދުތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަޙްލާޤާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުން ކުރިއަށްގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބިއުލަރީ 18 ފުލުހުން ވަނީ ބައިވެރިވެފައެވެ.