Ads by PNC

ޚަބަރު

ބައިނަލްއަޤުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

ބައިނަލްއަޤުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ

ޝިޕް ހުރަވީ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

20 ފެބްރުއަރީ 2026، 01:53

20 ފެބްރުއަރީ 2026، 01:53

އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ފްލީޓް ރިވިއުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެއެވެ. 
 
މި މަހުގެ 15 އިން 25 އަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ޙަރަކާތެކެވެ. 

އެމްއެންޑީއެފުން ވިދާޅުވީ، މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ޤައުމަކުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ޖުމްލަ 85 އަސްކަރީ އުޅަނދު ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި، ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ 19 އުޅަނދަކާއި، އިންޑިއާ ކަނޑުގެ ސިފައިންގެ 3 ސަބްމެރީނާއި، 60އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު މި ޙަރަކާތުގައި ބައިވެރިވެފައިވެއެވެ. މި ޙަރަކާތުގައިޤައުމުތަކުގެ އަސްކަރީ އިސްވެރިން، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރުކުރައްވައި ފްލީޓް ބައްލަވައިލައްވާފައިވާއިރު، މި އަހަރުގެ ޙަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ފްލީޓް ރިވިއު ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަންޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަޑާންޓް ވަނީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައި ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މިފަދަ ހަރަކާތެއްގައި އެމްއެންޑީއެފުން ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށާއި، ބޭރުގެ ޤައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450