ޚަބަރު
ރާއްޖޭގައި 'ގްރީން ހައިޑްރޮޖަން' ބޭނުންކުރުމާ ގުޅޭ ފީޒިބިލިޓީ ސްޓަޑީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ދިވެހިރާއްޖޭގައި 'ގްރީން ހައިޑްރޮޖަން' އުފެއްދުމާއި ބޭނުންކުރުމުގެ ޤާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ހަދާ ފީޒިބިލިޓީ ސްޓަޑީއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ޔޫއެންޑީޕީގެ ކްލައިމެޓް ޓެކްނޮލޮޖީ ސެންޓަރ އެންޑް ނެޓްވޯކް (ސީޓީސީއެން) އިން ހަވާލުކޮށްގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމާއެކު ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށްޓާއި އިޤްތިޞާދީ ހާލަތަށް ބަލައި، ގްރީން ހައިޑްރޮޖަން ބޭނުންކުރެވިދާނެ ދާއިރާތަކާއި އެކަމުގެ މުހިންމުކަން ދެނެގަތުމެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ރާއްޖޭގައި ސާފު ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތުގައި ގްރީން ހައިޑްރޮޖަންގެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައިވާ ކަމަށެވެ. މިގޮތުން، މިކަން ތަޢާރަފުކުރުމަށް ބާރުއަޅާ ކަންކަމާއި، ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ އިތުރުން، ރާއްޖޭގެ ޤައުމީ ފެންވަރުގައި މިކަމުން ލިބެން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހަކަތައިގެ ދާއިރާ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، މިފަދަ ދިރާސާތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.