ޚަބަރު
ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރާ ސޯލާ ޕީވީ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރާ ސޯލާ ޕީވީ ނިޒާމާއި ގުޅޭގޮތުން ޢާންމުންނާ މަޝްވަރާކުރުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި 1.5 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު، އިޢާދަކުރަނިވި ހަކަތަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި 2 މެގަވޮޓްގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމުކުރުމާއި، ރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކަރަންޓު ވިއުގަ ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާރު ބޭނުންކުރަމުންދާ ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މި ހަފުތާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ކޭބަލް ވަޅުލުމަށް މަގުތައް ކޮނުމުގެ ތެރޭގައި ޢާންމުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި، އެފަދަ އުނދަގޫތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހިއްސާކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި، މަޝްރޫޢާ ގުޅިގެން ޢާންމުންގެ ހުރި ޝަކުވާތައް ހުށަހެޅުމަށާއި އެކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ޤާއިމުކޮށްފައިވާ 'ގްރީވަންސް ރެޑްރެސް މެކޭނިޒަމް' އާ ބެހޭގޮތުން ވެސް ބައިވެރިންނަށް މަޢުލޫމާތު ދީފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މި ބައްދަލުވުންތަކުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރުންނާއި، އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.