Ads by PNC

ޚަބަރު

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދު: ވެމްކޯ

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދު: ވެމްކޯ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ފެބްރުއަރީ 2026، 11:20

21 ފެބްރުއަރީ 2026، 11:20

މިދިޔަ އަހަރުތަކާ އަޅާބަލާއިރު، ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު ބޮޑުތަނުން މަދުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފިއެވެ.

ވެމްކޯއިން ބުނި ގޮތުގައި، ކުރީ އަހަރުތަކާ ޚިލާފަށް މިހާރު ޤަވާއިދާ އެއްގޮތަށް ކުނި ނެރުމުގައި އާންމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ ސެންޓްރަލް އޮޕަރޭޝަންސް ޢަބްދުﷲ ޝިނާން ވިދާޅުވީ، މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދުވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދާދި ފަހުން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލެއަށް ޚާއްޞަ އިންތިޒާމުތަކެއް
ހުޅުމާލޭގައި ކުނި އުކާލުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޝިނާން ވިދާޅުވީ، ވެމްކޯގެ ވެހިކަލް ފްލީޓާއި ކެޕޭސިޓީ ހުރި މިންވަރަކުން މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ރޯދަ މަހު ހުޅުމާލެއަށް ޚާއްޞަ ކޮށްގެން ވެމްކޯގެ "ކޯލް އެންޑް ޕިކަޕް" ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލޭގެ 4000 ހައުސިން ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަ އިންތިޒާމުތަކެއް ވެސް ދަނީ ހަމަޖައްސަމުންނެވެ.

ޝިނާން ވިދާޅުވީ، "ރައްޔިތުން ބަދަލުވާއިރު މި އުފައްދާ ނުވަތަ އުފެދޭ ބަލްކީ ވޭސްޓްގެ ގޮތުގައި މި އަންނަ ހުސް ފޮށިގަނޑު އަދި ލަކުޑި ކަމުގައި ވިޔަސް މި ޒާތުގެ ކުނި ނެގޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސައިގެން މިހާރު މި ކުރިޔަށް ދަނީ،" ކަމަށެވެ.

މި ރަމަޟާން މަހު ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

މާލެ: ރޭގަނޑު 20:30 އިން 02:00 އަށް
ހުޅުމާލެ: ރޭގަނޑު 21:00 އިން 02:30 އަށް
ވިލިމާލެ: ރޭގަނޑު 21:00 އިން 01:00 އަށް
ވެމްކޯއިން ވަނީ މި ގަޑިތަކަށް ސަމާލުކަން ދީގެން ކުނި ނެރުމަށް ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450