Ads by PNC

ޚަބަރު

މާރުކޭޓު ސަރަހައްދު ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓު ދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފި

މާރުކޭޓު ސަރަހައްދު ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓު ދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފި

މާރުކޭޓް ސަރަޙައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 11:20

22 ފެބްރުއަރީ 2026، 11:20

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' އަށް ބަނދަރުކުރަން ފަށައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މިހާރު މަސައްކަތް ކުރަމުންދަނީ މި ސަރަހައްދުން މީގެ ކުރިން ލިބެން ނެތް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިޔާތަކެއް ބޭނުންކުރަން ފެށުމެވެ. އެމްޕީއެލްއިން ވިދާޅުވި ގޮތުގައި މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް ވެސް އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް މެދުކަނޑާލި ހިދުމަތްތައް އަލުން އިއާދަކުރުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ފުޅާކޮށް ތާރު އަޅައި ނިންމުމަށްފަހު އާންމުންނަށް ހުޅުވާލާފައިވަނީ ރޯދަމަސް ފެށެން ކައިރިވެފައި ވަނިކޮށެވެ. މި މަޝްރޫއުގެ ދަށުން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ.

މި ސަރަހައްދު ތަރައްގީކުރުމާއެކު، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބާޒާރުމަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު މިހާރު ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައެވެ. މިއީ މާލޭގެ ބާޒާރުމަތީގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450