Ads by PNC

ޚަބަރު

އޮންލައިންކޮށް ޒަކާތް ދައްކަން ނޭނގޭ ފަރާތްތަކަށް ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

އޮންލައިންކޮށް ޒަކާތް ދައްކަން ނޭނގޭ ފަރާތްތަކަށް ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

ފިޠުރު ޒަކާތް ބަލައިގަތުން/ފޮޓޯ: ޒަކާތު ހައުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ފެބްރުއަރީ 2026، 02:11

22 ފެބްރުއަރީ 2026، 02:11

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އެގޮތުން، މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ވަނީ ޒަކާތް ބަލައިގަންނަން ފަށައިފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ، މާލޭގައި އޮންލައިންކޮށް ނޫން ގޮތްގޮތަށް ޒަކާތް ދައްކާ ފަރާތްތަކަށް ޒަކާތް ދެއްކުމުގެ އިންތިޒާމު މިހާރު އިސްލާމީ މަރުކަޒުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެން ކަމަށާއި، ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށްޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލްކަމަށް ޒަކާތު ހައުސް އިން މަޢުލޫމާތުދެއެވެ.

އިސްލާމީ މަރުކަޒުގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:

  • 22 ފެބުރުއަރީ އިން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު  10:00 އިން 13:00އަށް
  • 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު  11:00 އިން 14:00އަށް

މޯލްޑިވްސް ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، ފިޠުރު ޕޯޓަލް މެދުވެރިކޮށް، ޢާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ ކަމަށެވެ. ހަމަ އެހެންމެ އެ ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށާއި، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ ޢަދަދު ވެސް އެ މެސެޖުގައި ހިމެނޭނެކަމަށެވެ.

މީގެ އިތުރުން، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ. އަދި އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ޙިޖުރައިން 2 ވަނަ އަހަރުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450