ޚަބަރު
ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޖެނީވާއަށް ވަޑައިގެންފި
ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
ވަޒީރު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، މި ދަތުރުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، އެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެކި ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި، ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި ސެޝަނަކީ ކާމިޔާބު ސެޝަނަކަށް ހެދުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސެޝަންގެ ހުރިހައި މަރުޙަލާއެއްގައިވެސް ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވާނެ ކަމަށާއި، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
ދިވެހިރާއްޖެއަކީ 2023 އިން 2025 އަށް ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރު ޤައުމެކެވެ. މިއީ މި ކައުންސިލްގެ މެންބަރުކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ. ހިއުމަން ރައިޓްސް ކައުންސިލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދ.ގެ މުހިންމު ގޮތްޕެކެވެ.