ޚަބަރު
މަޝްރޫޢުތައް ހަލުވިކުރުމަށް ސަރުކާރަށް އެއްބާރުލުންދޭނެ ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުން މުހިންމު: ވަޒީރު ރާފިޢު
ވަޒީރު ރާފިޢު/ފޮޓޯ: ވަގުތު
މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އެއްބާރުލުންދޭނެ ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުން މުހިންމުކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، ވެރިކަމަށް ރައްޔިތުން ބަޔަކު އިންތިޚާބު ކުރަނީ އެ ބަޔަކު ހުށަހަޅާ ސިޔާސަތުތަކަށް ތާއީދުކުރުމާއެކު، އެ ސިޔާސަތުތައް ތަންފީޒުކޮށްދޭނެ ކަމުގެ އިތުބާރު އޮތުމުން ކަމަށެވެ. އެގޮތުން، ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކުރީ އެމަނިކުފާނުގެ "ހަފުތާ 14" އާއި އެނޫންވެސް ތަރައްޤީގެ ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ފުރިހަމަ އުންމީދުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގެ މަސައްކަތްތަކަށް އެކި މުއައްސަސާތަކުގެ ތެރެއިން ހުރަސްއެޅުމަކީ ތަރައްޤީއަށް އޮތް ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރަމުންދާ ކަންތައްތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ކުރާނެ އެކުވެރި ޓީމެއް އޮވެގެން ކަމަށެވެ. އެހެންކަމުން، ސަރުކާރާ ދެކޮޅު ފިކުރެއްގެ ކައުންސިލެއް ނުވަތަ މުއައްސަސާއެއް އޮތުމަކީ ރައްޔިތުން އެދޭ ތަރައްޤީ ލަސްވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ވަރަށް އޯގާތެރި އަދި ކަމޭހިތާ، ރައްޔިތުންނާ ގާތުން ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކޮށްފައި ތިބި ބައެއް ކަމަށެވެ.
ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރިއަށްގެންދަވާ މަޝްރޫޢުތައް ހަލުވިކުރުމަށް ސަރުކާރުގެ ސިޔާސަތުތައް ދަންނަ ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް އެދިވަޑައިގެންފައެވެ.