ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މ. ވޭވަށް، ކިނާރާ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ރިފްޢަތު ޢަބްދުﷲ އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާއި ރަސްމީކޮށް ޙަވާލުކޮށްދެއްވާފައެވެ.
އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ މި މަޤާމަށް ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނަށް، ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.