Ads by PNC

ޚަބަރު

ބޯހިޔާވަހިކަން އެންމެނަށް: މިހާތަނަށް 5000 އަށްވުރެ ގިނަ ފަރާތްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށައަޅައިފި

ބޯހިޔާވަހިކަން އެންމެނަށް: މިހާތަނަށް 5000 އަށްވުރެ ގިނަ ފަރާތްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށައަޅައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ހަވާލުކުރުން. ފޮޓޯ: ހައުސިންގ މިނިސްޓްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ފެބްރުއަރީ 2026، 12:26

23 ފެބްރުއަރީ 2026، 12:26

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި، މިހާތަނަށް 5,000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރުޞަތުތަކަށް އޮންލައިންކޮށް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ޖުމުލަ 5,067 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 3,434 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 1,633 މީހުންނެވެ. މީގެ އިތުރުން، ޕޯޓަލްގައި ފޯމު ފުރުމުގެ "ޑްރާފްޓް" މަރުޙަލާގައި 11,304 ފަރާތެއް ތިބިކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މަޝްރޫޢުގެ ތަފްޞީލު
މި މަޝްރޫޢުގެ ދަށުން ޖުމުލަ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިއީ ކޮންމެ ގޯއްޗަކީ 1,250 އަކަފޫޓުގެ ބިމެކެވެ. މީގެ ތެރެއިން މާލޭގެ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ރަސްމާލެއިންނެވެ.

ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 7,900 ފްލެޓެވެ. އެއީ މާލޭ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް، އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.

އުސޫލަށް ގެނެވުނު މުހިންމު ބަދަލުތައް
ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ބަދަލުތައް އިޢުލާން ކުރައްވާފައެވެ. އެގޮތުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭނެ ޚާއްޞަ ކެޓަގަރީއެއް ވަނީ ތަޢާރަފްކުރެވިފައެވެ. އަދި ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، އެ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ޚާއްޞަކޮށް 2,000 ގޯތި ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

ގޯއްޗަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ފަހު ތާރީހަކީ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450