ޚަބަރު
ޑިސެންބަރު މަހު އިމްޕޯޓް އެކްސްޕޯޓުން 325 މިލިޔަން ރުފިޔާ ލިބިފައިވޭ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް
ނިމިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 325 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ ބާވަތްތަކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި ޑިސެންބަރު މަހު ރާއްޖެއަށް ޖުމްލަ 5.3 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ 1.14 މިލިޔަން ރުފިޔާގެ ކެއުމަށް ބޭނުންކުރާ ބާވަތްތަކެވެ. މީގެ އިތުރުން 992 މިލިޔަން ރުފިޔާގެ މެޝިނަރީއާއި ކަރަންޓް ސާމާނު، 890 މިލިޔަން ރުފިޔާގެ ފިއުލް، 300 މިލިޔަން ރުފިޔާގެ ކެމިކަލް، 135 މިލިޔަން ރުފިޔާގެ ހިލަ އާއި ހިލަވެލި، އަދި 82 މިލިޔަން ރުފިޔާގެ ވެހިކަލާއި އޭގެ ބައިތައް ހިމެނެއެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، އޮމާން އަދި ޔޫއޭއީއެވެ. އެގޮތުން ޗައިނާއިން 943 މިލިޔަން ރުފިޔާގެ މުދާ، އޮމާންއިން 766 މިލިޔަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 688 މިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު، ޑިސެންބަރު މަހު ރާއްޖެއިން 204 މިލިޔަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ މަހުގެ ބާވަތްތަކެވެ. އެގޮތުން 90 މިލިޔަން ރުފިޔާގެ ފިނިކުރި ކަނޑުމަސް، 39 މިލިޔަން ރުފިޔާގެ ދަޅުމަސް، 32 މިލިޔަން ރުފިޔާގެ ފިނިކުރި ރީނދޫ އުރަހަ ކަންނެލި އަދި މަހުން އުފައްދާފައިވާ އެހެނިހެން ބާވަތްތައް ހިމެނެއެވެ. އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 121 މިލިޔަން ރުފިޔާގެ މުދަލެވެ.
މީގެ އިތުރުން، ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް އައި އުޅަނދާއި ފުރި އުޅަނދުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 143 އުޅަނދު ރާއްޖެއަށް އައިސްފައިވާއިރު، 174 އުޅަނދު ވަނީ ރާއްޖެއިން ފުރާފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެއްކަމަށް ކަސްޓަމްސްގެ ރިޕޯޓުން ދައްކައެވެ.