Ads by PNC

ޚަބަރު

ރަމަޟާން މަހާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަ "ހުކުރު ހުތުބާ ކުއިޒް" ފަށަނީ

ރަމަޟާން މަހާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަ "ހުކުރު ހުތުބާ ކުއިޒް" ފަށަނީ

ހުކުރު ހުތުބާ ކުއިޒް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ފެބްރުއަރީ 2026، 02:01

23 ފެބްރުއަރީ 2026، 02:01

ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްވަރާ ދިމާކޮށް، ކުޑަކުދިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން "ހުކުރު ހުތުބާ ކުއިޒް" ގެ ނަމުގައި ގައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް ފަށަން ތައްޔާރުވެއްޖެއެވެ.

 މި މުބާރާތަކީ އުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ހުކުރު ޚުތުބާއަށް ދޭ ސަމާލުކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މުބާރާތުގެ މަގްސަދުތައް
މި މުބާރާތުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހުކުރު ހުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމާއި، ހުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތައް އުނގަންނައިދިނުން ހިމެނެއެވެ. މީގެ އިތުރުން، އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މަޢުލޫމާތުތަކާ މެދު މަޝްވަރާކުރުމުގެ ރޫހު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެކެވެ.

ކުއިޒް ކުރިއަށްދާނެ ގޮތް
މި ކުއިޒަކީ ދިވެހި ބަހުން "އޯޕަން ބުކް" މެތަޑަށް ކުރިއަށްގެންދާ ކުއިޒެކެވެ. ކުއިޒަށް ޖަވާބު ދިނުމަށްޓަކައި އިސްލާމީ ވުޒާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހުތުބާ ކިޔަންޖެހޭއިރު، ހުތުބާ ފަހުމުވުމަށް ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުދިންނަށް އޮންނާނެއެވެ. މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކުރިއަށްގެންދާ މި ކުއިޒް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ފޯނުން ނުވަތަ ކޮމްޕިއުޓަރުން ފުރިހަމަކުރެވޭނެއެވެ.

މުބާރާތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބައިވެރިން ވަނީ ތިން އުމުރުފުރައަކަށް ބަހާލާފައެވެ. އެއީ:

ގްރޫޕް އޭ: 7-9 އަހަރު
ގްރޫޕް ބީ: 10-12 އަހަރު
ގްރޫޕް ސީ: 13-15 އަހަރު
ބައިވެރިވުމާއި އިނާމުތައް

މި ކުއިޒުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހާއްސަ ވައިބާ ކޮމިއުނިޓީ ގްރޫޕާ ގުޅެންޖެހެއެވެ. މި ގްރޫޕް މެދުވެރިކޮށް ކޮންމެ ހުކުރު ހުތުބާއެއްގެ ލިންކާއި ކުއިޒާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރެވޭނެއެވެ. މުބާރާތުގެ ވަނަވަނައަށް ހޮވޭނީ ހުރިހާ ބުރުތަކަކުން %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. މާކްސް އެއްވަރުވެއްޖެނަމަ ވަނަ ހޮވާނީ ގުރުއަތުންނެވެ.

ކޮންމެ އުމުރުފުރައަކުން ވަނަތަކަށް ހޮވޭ ކުދިންނަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 1 ވަނައަށް ދާ ކުއްޖަކަށް އުމްރާ ދަތުރެއް (ޖުމްލަ 3 އުމްރާ ދަތުރު) ދިނުމަށް ހަމަޖެހިފައިވާއިރު، 2 ވަނައަށް 1,000 ރުފިޔާ އަދި 3 ވަނައަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމަށް އެ ވުޒާރާއިން އަޅާ ހަރުދަނާ ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450