ޚަބަރު
ސަޢުދީ ޢަރަބިއްޔާއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ސަޢުދީޢަރަބިއްޔާއިން އިސްލާމީ ވުޒާރާއަށް ކަދުރު ހަދިޔާކުރުން
ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ ކަދުރު ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ކަދުރުތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީއެވެ.
މިވަގުތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާ ކުރެއްވި ނަމަވެސް، އާންމު ރައްޔިތުންނަށް ބެހުމަށްޓަކައި ސައުދީން ޖުމްލަ 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މި ކަދުރު ޝިޕްމަންޓް މިހާރު ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށާއި، އެ ތަކެތި ލިބުމާއެކު މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ވެދެއްވާ މެދުކެނޑުމެއްނެތް އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ "ކޮންމެ އަހަރަކުވެސް ރާއްޖެއަށް ސައުދީން ހަދިޔާކުރާ ކުރުމުން ރާއްޖެއާއި ސައުދީއާ ދެމެދު އުފެދިފައިވާ ގާތް ގުޅޫން ހާމަވެގެންދާ" ކަމަށެވެ.
ސައުދީ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ސައުދީ ސަރުކާރަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސައުދީ އަރަބިއްޔާއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.
ކޮންމެ ރޯދަމަހަކާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. އެގޮތުން ނިމިދިޔަ އަހަރުވެސް އެ ގައުމުން ވަނީ ރާއްޖެއަށް ޖުމްލަ 60 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ޕްރޮގްރާމްވެސް މިއަހަރު ވަނީ ފަށާފައެވެ.