ޚަބަރު
އިންސާނީ ޙައްޤުތަކަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި ހުރިހާ ޤައުމެއްގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ތާޢީދުކުރާނެ: ވަޒީރު ޚަލީލް
ވަޒީރު ޚަލީލް ތަޤުރީރުކުރައްވަނީ/ފޮޓޯ: ވުޒާރާ
އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މިއަދު ތަޤްރީރު ކުރައްވައިފިއެވެ.
ވަޒީރުގެ ތަޤްރީރުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
ވަޒީރު ޚަލީލް ވަނީ، ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުޞޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވާފަ އެވެ. ހަމަ އެހެންމެ، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ޤާނޫނު ހިންގުމަށާއި، މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ވަޒީރު އަލިއަޅުވާލައްވާފައިވެއެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުޑަކުދިން ފަދަ ޚާއްޞަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވަޒީރު ހިއްސާކުރެއްވިއެވެ.
ހަމަ އެއާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން ފާހަގަކޮށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ 4 ވަނަ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ދިޔަކަން ތަޤްރީރުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށާއި، އެ ޤައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި މި ކައުންސިލްގައި އިތުރުކުރުމަށްކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. ޚަލީލްގެ ތަޤްރީރް ނިންމަވާލައްވަމުން ވަނީ، އިތުބާރު ހިފޭ މިންގަނޑުތައް ދަމަހައްޓައި، އެންމެން ޝާމިލްވާފަދަ ނިޒާމެއް ހަރުދަނާކޮށް، ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރުމަށް ކައުންސިލަށް ގޮވާލައްވާފައެވެ. އަދި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވަޒީރު ޑރ. ޚަލީލް ދެއްވިއެވެ.