ޚަބަރު
އައްޑޫގައި ޑެންގީ ހުން ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފިއެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
އޭއީއެޗް އިން ބުނީ ޑެންގީ ވައިރަސް ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ގޯތިތެރެއާއި މަގުމައްޗަށް ފެން ހަރުލާ ފަދަ ތަކެތި އުކާނުލުމަށާއި، މަދިރި އާލާވާނެ ފަދަ ތަންތަން ސާފުކުރުމަށް ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށްވާ ހެނދުނު އިރުއަރާ ވަގުތާއި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ހޮސްޕިޓަލުން ފާހަގަކުރެއެވެ. ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ލޮލުގައި ރިއްސުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.