ޚަބަރު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އިދިކޮޅު އެމްޑީޕީ މިހާރުވެސް ވަނީ ބަލިވެފަ: ފަލާޙް
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
ރާއްޖޭގައި ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީއެއް ހަގީގަތުގައި މިހާރު ނެތް ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އިދިކޮޅު އެމްޑީޕީ މިހާރުވެސް ބަލިވެފައިވާ ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި ވަކާލާތުކުރާ އެމްޑީޕީގެ ތާއީދު އޮތް މިންވަރު ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލީ އަދަދުން ސާފުވާ ކަމަށެވެ. އެގޮތުން އިންތިހާބު ބާއްވާ 1,352 ގޮނޑީގެ ތެރެއިން 450 އަށްވުރެ ގިނަ ގޮނޑިއަށް އެމްޑީޕީން ވާދަނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
"1،352 ދެ ގޮނޑީގެ ތެރެއިން 450 ހަކަށް ގޮނޑި އެބައޮތް އެމްޑީޕީން ވާދަނުކޮށް، ވާދަނުކުރައްވާ، ވާދަނުކުރާ، ވާދަކުރާނެ ކެންޑިޑޭޓުން ނުލިބިފަ. މިހާރުވެސް ބަލިވެއްޖެ ނުންތޯ. އެއީ ޕަސަންޓޭޖަށް ބަލައިފިކަމަށްވަންޏާ ގާތްގަނޑަކަށް 30 ޕަސަންޓް ގޮނޑިއަށް އެމްޑީޕީ ވާދަނުކޮށް މިއޮތީ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް މިއަދު ދިމާވެފައިވާ ހާލަތަކީ، 2008 އިން ފެށިގެން އެ ޕާޓީން ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި، ދޮގު ވާހަކަތައް ތަކުރާރުކުރުމުގެ ސަބަބުން ރައްޔިތުންގެ ތާއީދު ގެއްލިފައިވުން ކަމަށެވެ. އަދި އެ ޕާޓީގެ އެތެރޭގައި ފެކްޝަންތައް އުފެދި ބައިބައިވެފައިވާ ކަމަށާއި، ކެންޑިޑޭޓުންނަށް އެއްވެސް އެހީތެރިކަމެއް ޕާޓީން ފޯރުކޮށްނުދޭ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އެމްޑީޕީއަކީ ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބޭ އެއް ޕާޓީކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އެމްޑީޕީ ދެން އަލުން ކޮޅަށް ޖެހޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް 9 މިލިއަން ރުފިޔާ އެ ޕާޓީއަށް ލިބިފައިވާއިރު، އިންތިހާބާ ދިމާކޮށް ކެންޑިޑޭޓުންގެ ފީވެސް އިލެކްޝަންސް ކޮމިޝަނަށް ދައްކައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒިންމާދާރުކަމާއެކު މަސައްކަތްކުރާ އިދިކޮޅު ޕާޓީތަކެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސިޔާސީ މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ނަމަ އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެމްޑީޕީގެ ލީޑަޝިޕަށް ފަލާހު ވަނީ ގޮވާލައްވާފައެވެ.