ޚަބަރު
މިދިޔަ ހަފްތާގައި މަސްވެރިންނަށް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ: މިފްކޯ
ދިވެހި މަސްވެރިންތަކެއް
މިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި ޖުމްލަ 136 ދޯންޏަކުން ވަނީ މިފްކޯއަށް މަސްކިރުވާފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މަސްކިރުވި ދޯނިތަކަށް މުޅި ޖުމްލަ 4,867,619 ރުފިޔާ ވަނީ ދޫކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު މަސްކިރުވި 31 ދޯންޏަކަށް ޖުމްލަ 1,010,478 ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މަސްވެރިންނަށް ދޫކުރި ފައިސާގެ ތަފްސީލު:
މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 126 ދޯންޏަކަށް 3,882,693 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 56 ދޯންޏަކަށް 465,736 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 57 ދޯންޏަކަށް 518,730 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، މި މަހުގެ މިހާތަނަށް މަސްވެރިންނަށް މުޅި ޖުމްލަ 16,684,055 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިނގަމުންދާ ކަމެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މި ދާއިރާ ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި، ޕްރޮސެސިންގ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އިތުރަށް ފުޅާކުރުމަށް ގިނަ ޕްލޭންތަކެއް އެކުލަވާލައިގެން ދަނީ ތަންފީޒުކުރަމުންނެވެ.