ދުނިޔެ
މުޅި މެދުއިރުމަތި އިޒްރާއީލުގެ ބާރުގެ ދަށަށް ގެންދިޔަސް "އެންމެ ރަނގަޅު" ކަމަށް އެމެރިކާ ސަފީރު ހަކަބީ ދެއްކި ވާހަކަތައް އަރަބި އަދި އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި
އެމެރިކާއިން އިޒްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ
މުޅި މެދުއިރުމަތި އިޒްރާއީލުގެ ބާރުގެ ދަށަށް ގެންދިޔަސް "އެންމެ ރަނގަޅު" ކަމަށް ބުނެ އެމެރިކާއިން އިޒްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ދެއްކި ވާހަކަތައް އަރަބި އަދި އިސްލާމީ ގައުމުތަކުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
ހުކުރު ދުވަހު "ދަ ޓަކާ ކާލްސަން ޝޯ" ގައި ވާހަކަ ދައްކަވަމުން ހަކަބީ ބުނީ، ފުރާތު ކޯރާއި ނީލަ ކޯރާ ދެމެދުގައިވާ ހުރިހާ ބިމެއް ހިފުމުގެ ހައްގު އިޒްރާއީލަށް ލިބިގެންވާ ކަމަށެވެ. މީގެ ތެރޭގައި ފަސް ގައުމެއްގެ އިތުރުން އިޒްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތައް ވެސް ހިމެނެއެވެ.
މި ވާހަކަތަކަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރާއީލުގެ އިސް ބައެއް އެހެން އޮފިޝަލުން ތާއީދުކުރައްވާ "ގްރޭޓާ އިޒްރާއީލް" މަޝްރޫއަށް އިޝާރާތްކޮށް ދެއްކެވި ވާހަކަތަކެކެވެ. ކޮންޒަވޭޓިވް ސިޔާސީ މުހައްލިލު ކާލްސަން ވަނީ، ކަލާނގެ ޔަހޫދީންނަށް ދެއްވާފައިވާ ބިމެއް ކަމަށް ބުނެ ހަކަބީ ވަކާލާތު ކުރައްވާ ބިމުގެ ސީދާ ބޯޑަރުތައް ބަޔާންކޮށްދިނުމަށް ތަކުރާރުކޮށް އެދިފައެވެ.
"ތިޔަ ދައްކަވަނީ ކޮން ބިމެއްގެ ވާހަކައެއްތޯ؟ އަޅުގަނޑު ބައިބަލްގެ ޖެނެސިސް 15 ކިޔައިފިން، އޭގައި ބުނަނީ ނީލަ ކޯރުން ފެށިގެން ފުރާތު ކޯރާ ހަމައަށް ކަމަށް. އެއީ އަނެއްކާވެސް ބުނާ ނަމަ މުޅި މެދުއިރުމަތި،" ކާލްސަން ބުނެފައިވެއެވެ.
"އޭގެ މާނައަކީ ކޮބައިތޯ؟ އެ ބިމުގެ ހައްގު އިޒްރާއީލަށް އެބައޮތްތޯ؟ ތިޔަ ހަވާލާދެއްވަނީ ޖެނެސިސްއަށް، ތިޔަ ވިދާޅުވަނީ އެއީ އަސްލު މިލްކުވެރިކަމުގެ ލިޔުމޭ." ހަކަބީ ކުޑަކޮށް މަޑުޖެހިލުމަށްފަހު ވިދާޅުވީ، "އެ ހުރިހާ ބިމެއް އެމީހުން އަތުލިޔަސް އެންމެ ރަނގަޅު" ކަމަށެވެ. "އެކަމަކު އަޅުގަނޑު ހިއެއް ނުކުރަން މިއަދު އަޅުގަނޑުމެން މި ދައްކަނީ އެ ވާހަކަ ކަމަކަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ. "ނޫން، މިއަދު އަޅުގަނޑުމެން މި ދައްކަނީ ހަމަ އެ ވާހަކަ،" ކާލްސަން ރައްދު ދީފައިވެއެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ އެންމެ ރަނގަޅު ކަމެއްހެނެއް." ދެން ހަކަބީ ވިދާޅުވީ، "އެމީހުން (އިޒްރާއީލުން) އެ ހުރިހާ ތަނެއްގެ ބާރު ހޯދާކަށް ނޭދޭ" ކަމަށެވެ. "އެ ހުރިހާ ތަނެއް އަނބުރާ ހޯދާކަށް އެމީހުންނެއް ނޭދޭ. އެކަމަކު އެމީހުން އެދެނީ މިހާރު އެމީހުންގެ ބާރުގެ ދަށުގައި ހުރި، އެމީހުން ދިރިއުޅޭ ބިންތައް ހޯދަން،" އޭނާ ތަފްސީލުކޮށްދެއްވިއެވެ. "ތިޔަ ކިޔައިދެއްވަނީ ތިޔަބޭފުޅާގެ ދީނީ ގަބޫލުކުރުންތަކުގައި 'ކްރިސްޓިއަން ޒަޔަނިޒަމް' އަކީ ކޮބައިކަން،" ކާލްސަން ބުނެފައިވެއެވެ.
"އަދި އަޅުގަނޑަށް ހީވަނީ ތިޔަ ވިދާޅުވީ އިޒްރާއީލުން މުޅި އިޒްރާއީލާއި، މުޅި ސީރިއާ އަދި މުޅި ލުބުނާން ހިފިޔަސް ތިޔަބޭފުޅާއަށް އެންމެ ރަނގަޅޭ..." "އެއީ ސީދާ އަޅުގަނޑު ބުނަން އުޅުނު އެއްޗެއް ނޫން،" ހަކަބީ މެދުކަނޑާލަމުން އޭނާ ބުނެފައިވެއެވެ.
"އެއީ ކޮންމެވެސް ވަރަކަށް މުބާލަޣާކޮށް (ބޮޑުކޮށްލާފައި) ބުނެވުނު ބަހެއް." "އެމީހުން އުރުދުންއެއް ނުހިފާނެ. ސީރިއާއެއް ނުހިފާނެ. އިރާގު ނުވަތަ އެހެން ތަނެއް ވެސް ހިފާކަށް ނޫޅޭ. އެކަމަކު މިހާރު އެމީހުން ބޭނުންވަނީ އެމީހުންގެ ރައްޔިތުން ރައްކާތެރިކުރަން،" އޭނާ ބުނެފައިވެއެވެ.
"ދެން މި ހުރިހާ ތަނަކުން އެމީހުންނަށް ހަމަލާދީ، އެ ހަނގުރާމައިން އެމީހުން މޮޅުވެ، އެ ބިންތައް އަތުލައިފިނަމަ، އެއީ މުޅިން ތަފާތު ބަހުސެއް." މި އިންޓަވިއު ކުރިއަށް ގޮސްފައިވަނީ ކާލްސަން އާއި ހަކަބީއާ ދެމެދު އާންމުކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ފަހުންނެވެ. ފާއިތުވި ދުވަސްތަކުގައި ކާލްސަން ވަނީ އުރުދުންއަށް ގޮސް، އެ ގައުމާއި ގުދުސްގައި އޮތް ދީނީ މިނިވަންކަމާ ބެހޭގޮތުން އިސް ދެ ކްރިސްޓިއަނުންނާ ވާހަކަދައްކާފައެވެ.
ކްރިސްޓިއަނުންނާ ގުޅޭ ކަންކަމުގައި ހަކަބީ އަމަލުކުރާ ގޮތަށް ކާލްސަން ފާޑުކިޔާފައިވެއެވެ. ހަކަބީއަކީ ކްރިސްޓިއަން ދީނީ އިލްމުވެރިއެއްގެ އިތުރުން ފާޅުގައި ޒަޔަނިޒަމަށް ތާއީދުކުރާ މީހެކެވެ. އިޒްރާއީލުގެ ވަޒަންވެރިންގެ އަނިޔާވެރި ހަމަލާތައް އަމާޒުވާ ފަލަސްތީނުގެ ކްރިސްޓިއަނުންގެ ދިފާއުގައި ސަފީރު އެއްވެސް ފިޔަވަޅެއް ނާޅުއްވާތީ ކާލްސަން ވަނީ އޭނާއަށް މަލާމާތްކޮށްފައެވެ.
"ސަފީރު ހަކަބީ ކުރަމުން އެގެންދަނީ ލަދުވެތި ކަމެއް، އަދި އެކަމަށް އޭނާ ޖަވާބުދާރީވާން ޖެހޭނެ،" ކާލްސަން ބުނެފައިވެއެވެ. ބުދަ ދުވަހު ޔޫޓިއުބަށް މި އެޕިސޯޑް އަޕްލޯޑް ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް، ހަކަބީ އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކޮށް ރައްދު ދީފައިވެއެވެ.
"ހޭއި @TuckerCarlson، އަހަރެންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އަހަންނާ ވާހަކަ ދައްކަން އައިސްބަލަ؟ މެދުއިރުމައްޗާ ބެހޭގޮތުން ތިބާ ވަރަށް ބޮޑަށް ފިތުނަ އުފައްދަމުންދާ ކަމަށް ފެނޭ. އަލިކަމަށް (ހަގީގަތަށް) ބިރުގަންނަނީ ކީއްވެ؟" "މިކަމަށް ޝުކުރިއްޔާ،" ކާލްސަން އެކްސްގައި ޖަވާބު ދީފައިވެއެވެ.
"އަހަރެން އެކަން ކުރަން ބޭނުން. އިންޓަވިއުއެއް ހަމަޖެއްސުމަށް މިއަދު ތިބާގެ އޮފީހާ ގުޅާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ." އޮންލައިން ޕްލެޓްފޯމްތަކުގައި މިލިއަނުން މީހުން ފޮލޯކުރާ ކާލްސަން އަކީ، ވަކިން ހާއްސަކޮށް 7 އޮކްޓޯބަރު 2023 ގައި ގާޒާގައި އިޒްރޭލުން ގަތުލުއާންމު ފެށި ފަހުން، އެމެރިކާގެ ސިޔާސީ ދާއިރާގެ މައްޗަށް އިޒްރޭލުން އޮތް ނުފޫޒާ ދެކޮޅަށް އަޑުއުފުލާ ކަނާތު ފިޔައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ.
އޭނާ ބުދަ ދުވަހު އިޒްރޭލަށް ދަތުރުކުރީ ހަކަބީއާ ބައްދަލުކޮށް އިންޓަވިއު ކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޓަވިއު ނިމުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ސަލާމަތީ އޮފިޝަލުން އޭނާއާއި އޭނާގެ ޓީމުގެ މެންބަރުން ހިފެހެއްޓިއެވެ.
ޑެއިލީ މެއިލްއާ ވާހަކަ ދައްކަމުން ކާލްސަން ބުނެފައިވަނީ އިޒްރޭލުގެ އޮފިޝަލުން ޕާސްޕޯޓްތައް އަތުލައި، އޭނާގެ އެއް މުވައްޒަފަކު ސުވާލުކުރުމަށް ވަކި ކޮޓަރިއަކަށް ގެންދިޔަ ކަމަށެވެ. މުޅި މެދުއިރުމަތި އިޒްރޭލުގެ ބާރުގެ ދަށަށް ގެނެވިދާނެ ކަމަށް ދޭހަވާ ގޮތަށް ހަކަބީ ދެއްކި ވާހަކަތަކާ ގުޅިގެން ބޮޑު ނުރުހުމެއް އުފެދިފައިވާއިރު، އަރަބި އަދި މުސްލިމް ގައުމުތަކުން ދަނީ އެ ބަޔާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި ވާހަކަތަކާ ދެކޮޅަށް ފަލަސްތީނު، މިސްރު، އުރުދުން، ސައުދީ އަރަބިއްޔާ، ކުވެއިތު، އޮމާންގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި އަރަބި ލީގުން ވެސް ވަނީ ބަޔާންތައް ނެރެފައެވެ.
އުރުދުންގެ ފޮރިން މިނިސްޓްރީން ހަކަބީގެ ވާހަކަތައް ސިފަކޮށްފައިވަނީ "ޒިންމާދާރުކަން ކުޑަ، މަސްލަހަތު ގޯސްކުރާ އަދި ބޭކާރު" ވާހަކަތަކެއްގެ ގޮތުގައެވެ. "މިނިސްޓްރީގެ ރަސްމީ ތަރުޖަމާނު ސަފީރު ފުއާދު އަލް މަޖާލީ ވަނީ ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު، ސަރަހައްދުގެ ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަންނަ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ މުއާހަދާއާ ކަނޑައެޅިގެން ހިލާފު މި ބޭކާރު އަދި ފިތުނަވެރި ވާހަކަތައް ބަލައިނުގަންނަކަން ހާމަކުރައްވާފައި،" އެ ބަޔާނުގައިވެއެވެ.
ހުކުރު ދުވަހު 'ދަ ޓަކާ ކާލްސަން ޝޯ' ގައި ދިން އިންޓަވިއުއެއްގައި ހަކަބީ ދެއްކި މި ވާހަކަތަކަކީ، ހިފާފައިވާ ހުޅަނގު އައްސޭރި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމާ ދެކޮޅު ހައްދަވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ވާހަކަތަކެއްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސައުދީ އަރަބިއްޔާއިން މި ބަޔާން ސިފަކުރީ "ރައްކާތެރިކަމެއް ނެތް" އަދި "ޒިންމާދާރުކަން ކުޑަ" ކަމެއްގެ ގޮތުގައެވެ. އަދި ކުވެއިތުން ބުނީ މިއީ "ބައިނަލްއަގުވާމީ ގާނޫނުގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފުވުން" ކަމަށެވެ. އޮމާނުން އިންޒާރު ދިން ގޮތުގައި މި ވާހަކަތަކުގެ ސަބަބުން ސަރަހައްދުގެ "ސުލްހައިގެ ފުރުސަތުތަކަށާއި" ހަމަޖެހުމަށް ނުރައްކާވެއެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިފަދަ ޝުއޫރުތައް ފާޅުކޮށް، މި ވާހަކަތަކަކީ "ދައުލަތްތަކުގެ އިސްތިގުލާލަށް އަރައިގަތުމަށް ގޮވާލާ ފާޅުކަން ބޮޑު ގޮވާލުމެއް" ކަމަށް ބުނެފައެވެ. އަދި މި ވާހަކަތަކަކީ ފަލަސްތީނު މީހުން ނައްތާލުމަށާއި ގެދޮރުން ބޭރުކުރުމަށް، އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ހިފާފައިވާ ބިންތައް އިޒްރޭލުގެ ދަށަށް ގެނައުމަށް ދޭ އެއްބާރުލުމެއް ކަމަށް ވެސް އިތުރުކޮށްފައިވެއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ހިފާފައިވާ ބިންތަކުން ބިން އަތުލުމަކީ އިސްތިއުމާރުކޮށްގެން އުޅޭ ބާރަކަށް މަނާކަމެކެވެ. ފަލަސްތީނުގެ ބަޔާނުގައި ވަނީ، "މެދުއިރުމަތީގައި ދާއިމީ ސުލްހަ ގާއިމުކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރަށް އެހީތެރިވެދޭ" ވާހަކަތަކެއް ނޫން ކަމަށް ބުނެ، މިކަމުގައި އެމެރިކާއިން "ސާފު އަދި ފާޅުކަން ބޮޑު ގޮތެއް" ނިންމުމަށް ގޮވާލާފައެވެ.
މިކަންތައްތަކާއި ގުޅިގެން، އޯ.އައި.ސީ އިން ވަނީ އެ ވާހަކަތަކަކީ "ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމަށް ގޮވާލާ ސާފު ގޮވާލުމެއް" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި "ހަރުކަށި ފިކުރީ ބަހުރުވަތަކުގެ ސަބަބުން ހަރުކަށިކަން އިތުރުވެ، [އިޒްރާއީލުން] ހިންގާ ޣައިރު ގާނޫނީ އަމަލުތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބޭނެ" ކަމުގެ އިންޒާރު ވެސް އެ ޖަމާއަތުން ވަނީ ދީފައެވެ.
އަނެއްކޮޅުން، އަރަބި ލީގުން ފާހަގަކުރި ގޮތުގައި ހަކަބީގެ ބަޔާންތަކަކީ "ޑިޕްލޮމަސީގެ ހުރިހާ އަސާސީ އުސޫލުތަކާއި ގާއިމުވެފައިވާ ހަމަތަކާ ހިލާފު، އަދި ބުއްދިއާއި ހަމަޖެހޭ އުސޫލުތަކަށް ގޮންޖަހާ" ވާހަކަތަކެކެވެ. ގަތަރު، އިންޑޮނޭޝިއާ، މިސްރު، ކުވެއިތު އަދި ލުބުނާން ހިމެނޭ ގޮތަށް އަރަބި އަދި މުސްލިމް 14 ގައުމަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވެސް އޭނާގެ ވާހަކަތައް ވަނީ ކުށްވެރިކޮށްފައެވެ.
ހަކަބީ އަކީ އިޒްރާއީލަށް ތާއީދުކުރާ އިވެންޖެލިކަލް ކްރިސްޓިއަން ހަރަކާތުގެ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި މީގެ ކުރިން އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ނަމުގައި ބަޔަކު އުޅޭކަމަށް އިންކާރުކޮށްފައެވެ. ދާދި ފަހުން ޕޮޑްކާސްޓަރަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އަމިއްލަ ނަފްސަށް ސިފަކުރައްވަމުން، އޭނާއަކީ "މައާފަށް ނޭދޭ، އިސްލާހު ނުކުރެވޭނެ ޒަޔަނިސްޓެއް" ކަމަށް ބުނެފައެވެ.