ޚަބަރު
ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މިދިޔަ މަހު 54 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މާލީ އެހީ ދީފި:އެންސްޕާ
އެންސްޕާގެ އޮފީސް
ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި، ފާއިތުވެދިޔަ ޖަނަވަރީ މަހު އެކަނިވެސް 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ޖުމުލަ 54,639,000 ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިޖްތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 15,236 ފަރާތެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ ތެރެއިން 14,975 ފަރާތަކަށް ޖަނަވަރީ މަހު މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންސްޕާއިން ބުނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރަޖިސްޓްރީވެފައި ވަނީ 15,059 ފަރާތެކެވެ. އެހީންކަމުން، މިއަހަރުގެ ޖަނަވަރީ މަހު އަލަށް 190 ފަރާތެއް ވަނީ މި ދަފްތަރުގައި ރަޖިސްޓްރީވެފައެވެ.
މާލީ އެހީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގުރާމުގެ ދަށުންވެސް ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. އެގޮތުން، ޖުމުލަ 454 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާގެ އެހީގެ ގޮތުގައި 16,953,075 ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށް ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ބޭސްފަރުވާގެ އެހީގެ ޕްރޮގުރާމުގެ ދަށުން 30 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާ ހޯދުމަށް 194,840 ރުފިޔާގެ މާލީ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ފުދުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، އެފަރާތްތަކަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެވެއެވެ.