ޚަބަރު
އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު ނޭޕާލްގެ ރައީސަށް އަރުވައިފި
އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު ނޭޕާލްގެ ރައީސަށް އެރުވުން---
ފަރުދުން
24 ފެބްރުއަރީ 2026، 09:45
24 ފެބްރުއަރީ 2026، 09:45
ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު ޢާއިޝަތު އަޒީމާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ނޭޕާލުގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދުރަ ޕައުޑެލްއަށް މިއަދު އަރުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު އޮތީ ކަތުމަންޑޫގައި ހުންނަ ނޭޕާލުގެ ރައީސްގެ އޮފީސް، ރާޝްތުރަޕަތީ ބަވަންގައެވެ.
މި ރަސްމިއްޔާތުގައި ނޭޕާލްގެ ރައީސް ވަނީ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ޢާއިޝަތު އަޒީމާއަށް ތަހުނިޔާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖެ އާއި ނޭޕާލްއާ ދެމެދު އޮތް ސިޔާސީ ގުޅުން ބަދަހި ކުރުމުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިލައްވާނެކަމަށް އުއްމީދުކުރައްވާ ކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ނޭޕާލުގެ ރައީސް އެކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން ނޭޕާލުގެ ރައީސްއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކޮށްދެއްވިއެވެ.
ނޭޕާލްގެ ރައީސްއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ މުޙައްމަދު ނަޖީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މި ރަސްމީ ދަތުރުފުޅުގައި ނޭޕާލުގެ ޚާރިޖީ ވަޒީރާއި، މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން، އަދި ފޮރިން ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ، ރާއްޖެއިން ނޭޕާލްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަން ކުރެއްވީ، 17 ޖޫން 2025 ގައެވެ.