ޚަބަރު
މާލޭގެ ވެމްކޯ ސައިޓުގައި މީހަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާ ދެނީ
ވެމްކޯ މުވައްޒަފުންތަކެއް/ފޮޓޯ: އަވަސް
މާލޭގެ ވެމްކޯ ސައިޓުގައި މީހަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، މިހިނގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓް ތެރޭގައި ޙާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އެގޮތުން، މި ޙާދިސާގައި އެ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލައެއް މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ޙާދިސާގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލަރުގައި ފަރުވާދެމުންދާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މި ޙާދިސާއާ ގުޅޭ އިތުރު ތަފްޞީލް ފުލުހުން ހާމަކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.