ވިޔަފާރި / ޚަބަރު
ޔޫޕީޔޫގެ 55 ވަނަ ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ޕޯސްޓުން ހުޅުވާލައިފި
ޔޫޕީޔޫގެ 55 ވަނަ ސިޓީ ލިޔުމުގެ މުބާރާތް ފޮޓޯ؛ މޯލްޑިވްސް ޕޯސްޓް
ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ 55 ވަނަ ބައިނަލްއަގުވާމީ ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ޕޯސްޓުން މިއަދު ހުޅުވާލައިފިއެވެ.
ދުނިޔޭގެ 192 ގައުމަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ މެދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ އުފެއްދުންތެރިކަން ފާޅުކުރުމަށް ފުރުސަތު ދިނުމާއި، ބަހުގެ ހުނަރުތައް ތަރައްގީކުރުމަށް ހިތްވަރު ދިނުމެވެ.
މި އަހަރުގެ މުބާރާތަށް ޔޫޕީޔޫއިން ކަނޑައަޅާފައިވާ ތީމަކީ "ވައި ހިއުމަން ކަނެކްޝަން މެޓާރސް" (Why human connection matters) އެވެ. މި ތީމްގެ ދަށުން ބައިވެރިން ޖެހޭނީ އެކަކު އަނެކަކަށް އޮންނަ އިންސާނީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އިނގިރޭސި ބަހުން ސިޓީއެއް ތައްޔާރުކުރާށެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ 9 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ މި މުބާރާތުން ގައުމީ ފެންވަރުގައި ހޮވޭ އެންމެ މޮޅު ތިން ސިޓީއަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން:
• 1 ވަނަ އަށް ހޮވޭ ފަރާތަކަށް: 2,000 ރުފިޔާ
• 2 ވަނަ އަށް ހޮވޭ ފަރާތަކަށް: 1,000 ރުފިޔާ
• 3 ވަނަ އަށް ހޮވޭ ފަރާތަކަށް: 500 ރުފިޔާ
މީގެ އިތުރުން، ރާއްޖެއިން އެއްވަނައަށް ހޮވޭ ފަރާތުގެ ސިޓީ، ޔޫޕީޔޫގެ ބައިނަލްއަގުވާމީ ފައިނަލް ސެލެކްޝަނަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ކުދިން، އޭޕްރިލް މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެކުދިން ތައްޔާރުކުރާ ސިޓީ [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރުގެ ގެޒެޓުންނާއި މޯލްޑިވްސް ޕޯސްޓުގެ ނަންބަރު 3315555 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ގެޒެޓް : https://www.gazette.gov.mv/iulaan/382331