ޚަބަރު
އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94,000 ރުފިޔާ ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފި
ފުލުހުންގެ ހެޑްކުއަރޓާސް.
އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94,000 ރުފިޔާ ފުލުހުން ހޯދައި، އެ ފައިސާގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މި ފައިސާއަކީ މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު މާލޭގެ ޓީޖެޓީ ސަރަހައްދުގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި ސިޓީ އުރައެއްގައި ހުރި ފައިސާއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، 94,000 ރުފިޔާ ހިމެނޭ ސިޓީ އުރަ ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ މާފަންނު ޕޮލިހަށް ހުށަހަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް ބަލައި، ފައިސާ ހަވާލުކުރެވުނު ބޯޓު ދެނެގަތުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުޓޭޖުން ބޯޓު ސާފުކޮށް ދެނެގަނެވިފައި ނުވާތީ، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކޮށްފައެވެ.
ފުލުހުން ކުރި މަސައްކަތުން އެ ފައިސާ ހަވާލުކުރެވުނު ބޯޓު ދެނެގަނެވި، އެ ބޯޓުގެ ކެޕްޓަނާ ގުޅުނުއިރު ބޯޓު އޮތީ ވ. އަތޮޅުގައެވެ. ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި، މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގެ ލޮކަރުގައި އޮތެވެ. އަދި އެ ފައިސާތައް މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގެ މުވައްޒަފުންގެ މުސާރައެވެ. މި ފައިސާ އޮޅިގެން ހަވާލުކުރެވިފައިވަނީ ރިސޯޓަށް ފޮނުވަންޖެހޭ ބޯޓުގެ ކެޕްޓަންގެ ބަދަލުގައި އެހެން ބޯޓެއްގެ ކެޕްޓަނާއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ނަގުދު ފައިސާ ގެންގުޅުމުގައާއި މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. "ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް،" ފުލުހުން ވިދާޅުވިއެވެ.
މިފަދަ މައުލޫމާތުތައް ކަށަވަރުކުރުމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ހާލަތްތައް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ވެސް ފުލުހުން ފާހަގަކުރެއްވިއެވެ.