ޚަބަރު
ފާފު އަތޮޅާއި ދާލު އަތޮޅުގައި ދޭން ފެށި އާރްޓީއެލްގެ ޚިދުމަތުގެ އަގު ނަގަން ފަށައިފި
އާރްޓީއެލް ފެރީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ނިޒާމުން ފާފު އަތޮޅާއި ދާލު އަތޮޅު ގުޅާލުމަށްފަހު، އަހުލުވެރިކުރުމުގެ ދަތުރުތައް ނިންމާލައި، އަގު ނަގައިގެން ރަސްމީކޮށް ދަތުރުތައް މިއަދު ފަށައިފިއެވެ.
މި ދެ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މި ހިނގާ މަހުގެ 17 ވަނަ ދުވަހުއެވެ.
މި ދެ އަތޮޅުގައި ބޭނުންކުރަމުންދާ ފެރީތަކަކީ އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ އުޅަނދުތަކެކެވެ. ފާފު އަތޮޅުގެ މީހުން ދިރިއުޅޭ 5 ރަށެއްގައި ގާތްގަނޑަކަށް 5000 މީހުންގެ އާބާދީއެއް އޮތްއިރު، ދާލު އަތޮޅުގެ މީހުން ދިރިއުޅޭ 7 ރަށުގައި 7000 އެއްހާ މީހުން ދިރިއުޅެއެވެ. މި ޚިދުމަތާއެކު މި ދެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވާ ގޮތް
އާރްޓީއެލްގެ މިންގަނޑުތަކާ އެއްގޮތަށް ދަތުރުގެ ދުރުމިނަށް ބަލައި ކަނޑައަޅާފައިވާ އަގުތަކަކީ އަތްފޯރާފަށުގެ އަގުތަކެކެވެ. އެގޮތުން ފާފު އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ކޮޅަކަށް 35 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަގުތަކެއް ނަގާއިރު، ދާލު އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ނަގަނީ 35 ރުފިޔާއާއި 125 ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ. އަދި ފާފު އަތޮޅާއި ދާލު އަތޮޅާ ދެމެދު ކުރާ ދަތުރުތަކުގެ އަގު އުޅެނީ 130 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގައެވެ.
މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބާއްވައެވެ. އެއީ ފާފު އަތޮޅުގެ 1 ރޫޓާއި، ދާލު އަތޮޅުގެ 2 ރޫޓުގެ އިތުރުން ދާލު އަތޮޅާއި ފާފު އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. މި ދެ އަތޮޅު ގުޅާލަނީ ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދު ކުރާ ދަތުރުތަކުންނެވެ. ކަސްޓަމަރުންނަށް އާރްޓީއެލް ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބުކް ކުރެވޭނެއެވެ.
ފާފު އަދި ދާލު އަތޮޅާއެކު ރާއްޖޭގެ 14 އަތޮޅެއްގައި މިހާރު ވަނީ އާރްޓީއެލްގެ ޚިދުމަތް ފަށާފައެވެ. ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ދެން ޚިދުމަތް ނުފެށި ވަނީ މީމު އަދި ލާމު އަތޮޅުގައެވެ. މީގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކާފު، އއ، އދ އަދި ވ އަތޮޅުގައިވެސް މި ޚިދުމަތް އަދި ފަށާފައެއް ނުވެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މެދުތެރެއަށް ދާއިރު، ބާކީ ހުރި 6 އަތޮޅުގައިވެސް ޚިދުމަތް ފަށައި، މުޅި ރާއްޖެ އާރްޓީއެލްގެ ފެރީގެ ނިޒާމުން ގުޅާލުމެވެ. މިއާއެކު ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.