Ads by PNC

ޚަބަރު

ތިނަދޫގެ 50 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

ތިނަދޫގެ 50 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

ތިނަދޫގެ 50 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކުރުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ފެބްރުއަރީ 2026، 12:51

25 ފެބްރުއަރީ 2026، 12:51

ގދ. ތިނަދޫ ސިޓީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ 50 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ. މި މަޝްރޫއަކީ ތިނަދޫގެ އުމްރާނީ ތަރައްގީއަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ތިނަދޫގެ 19.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރަށުގެ އެކި ސަރަހައްދުތަކުން ޖުމްލަ 50 މަގެއް ހިމެނެއެވެ. މިއީ ތިނަދޫ ސިޓީގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެކެވެ.

ތާރު އެޅުމުގެ އިތުރުން، މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ދުވާރު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި މަގުތަކުގައި ރޯޑް މާކިން ޖެހުމާއި، ބޭނުންވާ ސައިން ބޯޑުތައް ހަރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 341,872,868.17 (ތިންސަތޭކަ ސާޅީސް އެއް މިލިއަން، އަށްސަތޭކަ ހަތްދިހަ ދެހާސް، އަށްސަތޭކަ ފަސްދޮޅަސް އަށެއް) ރުފިޔާއެވެ. މި ބޮޑު މަޝްރޫއު ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 1,440 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއު ނިމުމުން ތިނަދޫ ސިޓީގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު  ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450