Ads by PNC

ޚަބަރު

އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް!

އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް!

އެޗްޑީސީގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ފެބްރުއަރީ 2026، 02:01

25 ފެބްރުއަރީ 2026، 02:01

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ނުވަތަ ރިހި ޔޫބީލް ފާހަގަކުރުމަށްޓަކައި 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ގިނަ ހަރަކާތްތަކެއް އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.

 ހުޅުމާލޭގެ ތަރައްޤީގެ މައި ހިއްސާދާރުގެ ގޮތުގައި އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކާއި، އެ ކުންފުނީގެ ކާމިޔާބީތައް ފާހަގަކުރުމަށް ޖުމްލަ 10 ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހު ބާއްވާ 'ފައުންޑަރސް ޓްރިބިއުޓް' އަދި 'ސިލްވަރ ވޯކް' އިންނެވެ. މި ހަރަކާތްތަކަކީ އެޗްޑީސީގެ ބާނީންނާއި، ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ޑިޖިޓަލް ކެމްޕޭނެކެވެ. އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ 'އެނިވަރސަރީ ގާލާ އިވެންޓް' ގައި 'އަހަރެންގެ ހުޅުމާލެ' ފޮތް ނެރުމާއި، ދާއިރާގެ އިސް ބޭފުޅުންނަށް އެވޯޑު ދިނުން އޮންނާނެއެވެ.

އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން މޭ މަހު 'މައި ހުޅުމާލެ ފެސްޓިވަލް' ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ފެސްޓިވަލްގައި ރަށުގެ ސަގާފަތާއި، ކުދި ވިޔަފާރިތަކާއި، ހުނަރުވެރިންގެ މަސައްކަތްތައް ދައްކާލެވޭނެއެވެ. މީގެ އިތުރުން، ހުޅުމާލޭގެ އެކި އުމުރުފުރާގެ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ވާހަކަތައް ހިމެނޭ 'ސިލްވަރ ވޮއިސަސް' ސީރީޒްވެސް މޭ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މުވައްޒަފުންގެ އަގުވަޒަންކުރުމަށް ޖޫން މަހު އަހަރީ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖުލައި މަހުގެ މިނިވަން ދުވަހުގެ ފުޅަނދުބުރުގައިވެސް އެޗްޑީސީން ބައިވެރިވާނެއެވެ. އޮގަސްޓް މަހު އާޓް ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައިވާއިރު، އޮކްޓޫބަރު މަހު އާއިލާތަކަށް ޚާއްޞަ ބޮޑު ކާނިވަލެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި އުފާވެރި އަހަރު ނިންމާލުމުގެ ގޮތުން ނޮވެމްބަރު މަހު ކުޑަގިރީގައި މުވައްޒަފުންގެ ރިޓްރީޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑިސެމްބަރު މަހު 'ރީވައިންޑް 2026' ގެ ނަމުގައި މުޅި އަހަރުގެ ހަރަކާތްތައް ފެނިގެންދާނެ ޚާއްޞަ ވީޑިއޯ ކެމްޕޭނަކާއެކު ރިހި ޔޫބީލްގެ ހަރަކާތްތައް ނިންމާލެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450