Ads by PNC

ޚަބަރު

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި ދިވެއްސަކު 75 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި ދިވެއްސަކު 75 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ދައުވާ ސާބިތުވި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ފެބްރުއަރީ 2026، 11:58

26 ފެބްރުއަރީ 2026، 11:58

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި ދިވެއްސަކު 75 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި އެވެ.

މި މަހުގެ 24 ވަނަ ދުވަހު، 75 އަހަރަށް ޖަލަށް ލުމަށާއި 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ)ގެ މައްޗަށެވެ.

ފުލުހުން ވިދާޅުވީ، ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ. އަދި 2024 އޭޕްރީލް 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މި މައްސަލައިގެ ތަޙުޤީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަޙުޤީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށް ފުލުހުން މަޢުލުމާތުދެއެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަޙުޤީގުކުރެވި، 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ ޢަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް ހިންގާފައިވާކަން ތަޙުޤީގަށް ހޯދިފައިވާއިރު، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާ އާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުޢާމަލާތްކޮށްފައިވެއެވެ. މި ފައިސާގެ މުޢާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަޙުޤީގަށް ވަނީ ހޯދިފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގައި ކަނޑައަޅާފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހަމަ އެހެންމެ، މި މައްސަލަ ތަޙުޤީގުކުރި ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރި ކާމިޔާބު މަސައްކަތްތައް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450