ޚަބަރު
ޔުނީފޯމް އެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކީގައި: ދިޔާނާ
ދިޔާނާ/ފޮޓޯ: ވުޒާރާ
ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ގޮންޖެހުން ބޮޑު އެހެންނަމަވެސް ޒިންމާދާރުކަމާއެކީގައި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ދިޔާނާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާޢީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަރޝިޕް ޤާބިލުކަން އިތުރުކުރުމަށް ޙަރަކާތްތެރިވާނެ މުވައްޒަފުން މެންޓަރސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ "ޓްރެއިނިންގ ފޯ ވިމެން މެންޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ ވަނީ، ޤާނޫނު ތަންފީޒުކުރާ ޔުނީފޯމް އެޅި މުއައްސަސާތަކަށް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމަޢުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް، ޓްރެފިކް ބެލެހެއްޓުމަށާއި، ބޯޑަރުގައި މުދާ ބަލައި ފާސްކުރުމުގައި ޙަރަކާތްތެރިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު، ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ޤައިދީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމަޢުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެން މުވައްޒަފުން ޙަރަކާތްތެރިވަނީ ޒިންމާދާރުކަމާއެކުގައިކަމަށް ދިޔާނާ ވިދާޅުވިއެވެ.
މިފަދަ ތަމްރީންތަކުގެ ޒަރިއްޔާއިން މުއައްސަސާތަކުގައި އަންހެން ލީޑަރުން އުފެދޭ މިންވަރު އިތުރުވެ، ޤާނޫނު ތަންފީޒުކުރުމާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އަންހެން އޮފިސަރުންނަށް ޚާއްޞަކުރެވިގެން މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއް.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.
މި މަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މާލޭ ކެމްޕަހުގައެވެ. މި ޕްރޮގްރާމްގެ ތެރެއިން އަންހެން ލީޑަރޝިޕްގެ މުހިންމުކަމާއި އަންހެނުންނަށް ވެސް އެކި ދާއިރާތަކުން ކުރިއަރައިގެންގޮސް އެ މަސައްކަތް ކުރަމުންދާ މުއައްސަސާއެއް ނުވަތަ މުޖުތަމަޢުއަކަށް ރަނގަޅު ޚިދުމަތްތަކެއް ކުރެވޭނެކަން އަންގައިދީފައިވެއެވެ.

މީގެ އިތުރުން، ހިއުމަން މޯޓިވޭޝަންގެ ދަށުން އިންސާނި މިޒާޖާއި ހިތްވަރުދޭނެ ގޮތްތައް ދަސްކޮށްދީ، ޓީމެއް ކުރިއަށް ގެންދިއުމުގައި މޯޓިވޭޝަންގެ ދައުރު އުނގަންނައިދީ ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްތައް އޮޅުންފިލުވައި ދެވިފައިވެއެވެ. ހަމަ އެހެންމެ، ވަޒީފާގެ މާހައުލުގައި އިމޯޝަނަލް އިންޓެލިޖެންސްގެ މުހިންމުކަން އުނގަންނައިދީ ލީޑަރެއްގެ ހައިސިއްޔަތުން އަމިއްލަ ނަފުސު ދެނެގަންނާނެ ގޮތާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަނެ ކުރިއަރައި ދާނެ ގޮތްތައް މި ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.
ހަމަ އެއާއެކު، އޯގަނައިޒޭޝަނަލް ލީޑަރޝިޕްގެ ދަށުން މުއައްސަސާއެއްގައި ކާމިޔާބީއާ ހަމައަށް ދެވޭނެ އުސޫލުތަކާއި ރާވާލައިގެން ކަންކަން ކުރިއަށް ގެންދާނެ ގޮތް ވެސް ވަނީ ކިޔައިދެއްވާފައެވެ.