Ads by PNC

ޚަބަރު

އިޒްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެގެން އުރުދުންއަށް ގެންގޮސްފައިވާ ކުދިންނާއި، ޕްރިންސް ހެރީ އާއި މޭގަން ބައްދަލުކުރައްވައިފި

އިޒްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެގެން އުރުދުންއަށް ގެންގޮސްފައިވާ ކުދިންނާއި، ޕްރިންސް ހެރީ އާއި މޭގަން ބައްދަލުކުރައްވައިފި

ޕްރިންސް ހެރީ އާއި މޭގަން އައްމާން ގައި ތިބި ޣައްޒާގެ ކުޑަކުދިންނާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ފެބްރުއަރީ 2026، 01:13

26 ފެބްރުއަރީ 2026، 01:13

އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގައި ޒަޚަމްވެ، ފަރުވާއަށް އުރުދުންގެ އައްމާނަށް ބަދަލުކޮށްފައިވާ ކުޑަކުދިންނާ ބައްދަލުކުރެއްވުމަށް ޕްރިންސް ހެރީ އާއި މޭގަން މާކަލް ބުދަ ދުވަހު އުރުދުންއަށް ވަޑައިގެންފިއެވެ.

 ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދައުވަތަކަށް ކުރެއްވި މި ޒިޔާރަތުގައި އެ ދެކަނބަލުން ވަނީ ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކޮށްފައިވާ ކުދިންނާ ބައްދަލުކުރައްވާފައެވެ.

އައްމާނުގެ ހޮސްޕިޓަލެއްގައި ތިބި ކުދިންނާ ބައްދަލުކުރައްވަމުން، މޭގަން ވަނީ އިޒްރާއީލުގެ ހަމަލާއެއްގައި ފައި ފިހިފައިވާ ކުއްޖެއްގެ އަތުގައި ހިފަހައްޓަވައި ހިތްވަރު ދެއްވާފައެވެ. މީގެ އިތުރުން، އިޒްރާއީލުގެ ހަމަލާއެއްގައި މައިންބަފައިންނާއެކު އާއިލާގެ ހަ މެންބަރުން ޝަހީދުވެ، ފައިގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު އުމުރުން 14 އަހަރުގެ މާރިއާއާ ވެސް އެ ދެކަނބަލުން ބައްދަލުކުރެއްވިއެވެ.

ސަސެކްސްގެ އޮފީހުން ހާމަކުރި ގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ކުރާ މި ދަތުރުގެ މައިގަނޑު މަގްސަދަކީ އިންސާނީ އެހީތެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޕްރިންސް ހެރީ ވިދާޅުވީ، "ހަނގުރާމަތަކާއި ކާރިސާތަކުގެ އަސަރުކޮށްފައިވާ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން" ކަމަށެވެ.

މި ދަތުރުފުޅުގައި ހެރީ އާއި މޭގަން ވަނީ ސޫރިޔާގެ ރެފިއުޖީ ކުދިން ތިބޭ ކޭމްޕަކަށް ޒިޔާރަތްކޮށް، އެ ކުދިންނާއެކު ފުޓްބޯޅަ ކުޅުމާއި ކުރެހުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިކަމާ ގުޅޭގޮތުން އދ. ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އިން ބުނީ މި ހަރަކާތްތަކުގެ ސަބަބުން ކުދިންނަށް އުފާވެރިކަން ލިބިގެންދިޔަ ކަމަށެވެ.

ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 76,600 އަށްވުރެ ގިނަ މީހުން ޝަހީދުވެ ނުވަތަ ގެއްލިފައިވާއިރު، އޭގެ ތެރޭގައި 20,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިޒްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ކުދިންނެއްގެ ގުނަވަންތައް ބުރިކޮށްލަން ޖެހިފައިވާއިރު، މިއީ ފަލަސްތީނުގެ ތާރީޚުގައި އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ބަޔަކު ނުކުޅެދޭ ބަޔަކަށް ވެގެންދިޔަ ފުރަތަމަ ފަހަރެވެ.

މިހާރުވެސް ޣައްޒާގައި 18,500 އަށްވުރެ ގިނަ މީހުން ކުއްލި ފަރުވާއަށް ގައުމުން ބޭރަށް ގެންދަން ޖެހިފައިވީ ނަމަވެސް، އިޒްރާއީލުން ދަނީ އެމީހުން ބޭރަށް ގެންދިއުމަށް ހުރަސްއަޅަމުންނެވެ. ޝަހީދުވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިންނާއި، ސިއްހީ ޚިދުމަތްތެރިންގެ އިތުރުން ނޫސްވެރިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450