Ads by PNC

ޚަބަރު

މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ކަނޑުއޮޅިން ދަތުރު ނުކުރަން އަންގައިފި

މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ކަނޑުއޮޅިން ދަތުރު ނުކުރަން އަންގައިފި

ތިލަމާލެ ބްރިޖް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ފެބްރުއަރީ 2026، 01:21

26 ފެބްރުއަރީ 2026، 01:21

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާތީ، މާލެ އާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ކަނޑުއޮޅި ބަންދުކޮށްފައިވާތީ އެ ސަރަހައްދުން ދަތުރު ނުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު ނުވަތަ މާލެ-ތިލަފުށީ ލިންކުގެ މަސައްކަތްތައް މާލެ އާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލްގައި މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަސައްކަތް ކުރިއަށްދަނީ މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅީގައެވެ.

މި ސަރަހައްދުގައި ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ ތިން ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ، 2024 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން އެ ސަރަހައްދު އޮތީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. ނަމަވެސް ބައެއް އުޅަނދުފަހަރު އަދިވެސް އެ ސަރަހައްދުން ދަތުރުކުރަމުންދާތީ، އެކަމުގެ ނުރައްކާތެރިކަން ބޮޑުކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

"މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައިވާތީ، މި ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،" ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އިއުލާނުގައިވެއެވެ.

މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށްވާއިރު، މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450