ޚަބަރު
މަސްތުވާތަކެއްޗާ ގިނަ ޢަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީ ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ވިއްކައި ވިޔަފާރިކުރަމުންދިޔަ 2 މީހަކު ގިނަ ޢަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުﷲ ޢަފީފް (40އ) އާއި ތ. ތިމަރަފުށި / ލަކީހައުސް، ޞަފްވާން ޢަލީ (38އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ. އެގޮތުން، މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 30،500 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 190 އަށް ވުރެ ގިނަ ޑޮލަރު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޢަފީފް 7 ދުވަހަށް އަދި ޞަފްވާން ޢަލީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.