Ads by PNC

ޚަބަރު

މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިޞްލާޙުކޮށްފި

މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިޞްލާޙުކޮށްފި

މުވައްޒިފުންތަކެއް އޮފީހެއްގައި މަސައްކަތް ކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ފެބްރުއަރީ 2026، 02:50

26 ފެބްރުއަރީ 2026، 02:50

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އެދޭ ޙާލަތްތަކުގައި އެ ފުރުޞަތު ދޭގޮތަށް ކަނޑައަޅައި ސިވިލް ސަރވިސްގެ ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާ އަދާކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމެވުމާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެކަމަށް ބޭނުންވާ އުސޫލުތައް އެކުލަވާލައި، ކޮމިޝަނުގެ ގަވާއިދަށް އިސްލާޙު ގެނެސްފައެވެ. މިއިސްލާޙުގައިވާ ގޮތުން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމަށް އެދިއްޖެ ނަމަ، އެ ހުއްދަ ދޭންވާނެއެވެ.

ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާ މިންވަރު ބަޔާންކޮށް، ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ފަރާތަކީ ކަމާގުޅޭ އިދާރާއެއްގެ ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.

މިގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަނީ ތިން ދަރަޖައަކަށް ބަހާލާފައެވެ. އެއީ:
1. އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާ ފަރާތްތައް.
2. އާންމު ދިރިއުޅުމުގައި މެދުމިންވަރަކަށް އެހީތެރިކަން ބޭނުންވާ ފަރާތްތައް.
3. އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ފަރާތްތައް.

މީގެ ތެރެއިން ފުރަތަމަ ދަރަޖައިގައި ހިމެނޭ، އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ފަރާތްތަކުގެ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ 'ވަރކް ފްރޮމް ހޯމް' އުސޫލުން މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތަށް ހުއްދަ ދޫކުރާއިރު، އެ މުވައްޒަފަކު ކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭނެ ފަދަ މަސައްކަތެއްކަން ކަށަވަރުކުރަންޖެހެއެވެ. އަދި ގޭގައި މަސައްކަތް ކުރެވޭނެ ފަދަ އެކަށީގެންވާ މާހައުލެއް ލިބިފައިވާކަންވެސް ކަށަވަރުކުރަންޖެހޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ގަވާއިދަށް ގެނައި އިސްލާޙުގައިވެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް "ބަފަރ ޓައިމް" ދިނުމަށްވެސް މިގަވާއިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން އެމީހަކު ބަލަހައްޓާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ދިމާވާ ޙާލަތަކާ ގުޅިގެން ރަސްމީ މަސައްކަތުގެ ގަޑިން ފެށިގެން 1 ގަޑިއިރުގެ ބަފަރ ޓައިމެއް ދެވޭނެއެވެ. އަދި ބަފަރ ޓައިމްގެ ތެރޭގައި މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ މިންވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450