ޚަބަރު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮކްޓޫބަރަށް ތާވަލުކޮށްފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025، ފޮޓޯ: ރައީސް އޮފީސް
ފަރުދުން
27 ފެބްރުއަރީ 2026، 02:30
27 ފެބްރުއަރީ 2026، 02:30
މި އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮކްޓޫބަރު މަހުގެ 23 އިން 31 އަށް ތާވަލުކޮށްފިއެވެ. މިއީ ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީން )އިން ހާމަކޮށްފައިވާ ގޮތުގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ.
މި މައުރަޒުގެ ތެރެއިން، މުޅި ރާއްޖެއަށް ޑިޖިޓަލް ވަސީލަތްތައް ފުޅާކޮށް، އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ މަގު ފަހިކޮށްދިނުމަކީ މި މައުރަޒު ބޭއްވުމުގެ މަޤްސަދެކެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު ރަސްމީކޮށް ހުޅުވާލާނެކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވައި އެކަން އިޢުލާނު ކުރައްވާފައެވެ. އެހެންކަމުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026 ވާނީ ދިވެހި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ހުޅުވިގެންދާނެ މުހިންމު ފުރުޞަތަކަށް ކަމަށް ބީސީސީން ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭއްވި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025"އަށް ރެކޯޑް އަދަދަކަށް އާންމުން ވަނީ ޒިޔާރަތް ކޮށްފައެވެ.