ޚަބަރު
އިންތިޚާބު މަދުވުމަކީ ރައްޔިތުންގެ ގާތަށް ދިއުން މަދުވާނެކަމެއް ނޫން: ޠާރިޤް
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު، އަޙުމަދު ޠާރިޤް---
ފަރުދުން
27 ފެބްރުއަރީ 2026، 04:21
27 ފެބްރުއަރީ 2026، 04:21
ޤައުމުގައި ބާއްވާ އިންތިޚާބުތައް މަދުވުމަކީ ޤައުމެއްގައި އޭރުއޮތް ރިޔާސަތަކުން ރައްޔިތުންގެ ގާތަށް ދިއުން މަދުވާނެކަމެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންނަނީ ސާބިތުކޮށްދެއްވަމުން ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު، އަޙުމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުރާސްފަތި ދުވަހުގެރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޠާރިޤް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ، އިންތިޚާބުތައް މަދުވެ، ވެރީން ރައްޔިތުންގެ ކައިރިޔަށް ދިއުން މަދުވާނެކަމެއްކަމަށް ބުނެ، އެއީ ރާއްޖެއަށް އެކަށޭނަ ގޮތެއް ނޫންކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދެވިޔަސް، އެއީ މިއަދުގެ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މި ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައިވާ ކަމަށާއި، އަދި ޒިޔާރަތް ކުރެއްވީ އެއްވެސް އިންތިޚާބެއް އޮވެގެނެއް ނޫންކަމަށް ޠާރިޤް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މި ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފި. އެއްވެސް އިންތިޚާބެއް އޮވެގެނެއް ނޫން.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު، އަޙުމަދު ޠާރިޤް ވިދާޅުވިއެވެ.
އަދި އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ފޮތެއްގެ ސިފައިގައި ލިޔުއްވާ، ކޮންމެ ކައުންސިލަކާ ހަވާލުކުރައްވާފައި ކަމަށާއި، އެއަށްފަހު އެ ކައުންސިލަރުން ކައިރިޔަށް ރަށަށް ވަޑައިގެން ކުރެވުނު ކަންކަމާއި ކުރަންހުރި ކަންކަން އޮޅުންފިލުއްވަމުން ގެންދަވާކަމަށް ޠާރިޤް ވިދާޅުވިއެވެ.
އެހެންވީމާ ކުރީގައި ވެރިކަން ކުރައްވާފައި ހުރި ފަރާތްތަކާ ޚިލާފަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ، އިންތިޚާބެއް އޮތަސް، އިންތިޚާބެއް ނެތަސް، ރައްޔިތުން ގާތަށް، އެ ރައްޔިތުންގެ ރަށަށް ވަޑައިގެން، އެ ރަށުގައި ހުރި ކަންތައްތަކާއި، ކުރިން ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތަކާއި، އަދިވެސް ހިނގަމުންދާ އަހަރުތަކުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ނޯޓުކުރައްވާ އެ ކަންކަން ތަންފީޒުކުރައްވަމުން ގެންދަވާ ރައީސެއް.
އަޙުމަދު ޠާރިޤް ވިދާޅުވިއެވެ.
އެހެންކަމުން ހަމައެކަނި އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް ރައީސުން ދިއުމަކީ ކުރީގެ ފަލްސަފާއެއް ކަމަށާއި އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ފަލްސަފާއެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެ މަނިކުފާނަކީ އަބަދުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާ ރައީސެއްކަން ޠާރިޤް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދެ އިންތިޚާބު އެއްކޮލުމުން ރައްޔިތުންގެ އަޑުފަނޑުވާނެއޭ ބުނާބުނުމަކީ ދޮގެއްކަމަށް ޠާރިޤްގެ ވާހަކަފުޅުގައި ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.