ޚަބަރު
ކުރިއަށް އޮތް މާރިޗު މަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭވެހޭ މިންވަރު، އެހެން އަހަރުތަކުގެ އެވްރެޖް މިންވަރަށްވުރެ ދަށްވާނެ: މެޓް
މާލެއަށް ވިއްސާރަކުރި ދުވަހެއް.
ކުރިއަށް އޮތް މާރިޗު މަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭވެހޭ މިންވަރު، އެހެން އަހަރުތަކުގެ އެވްރެޖް މިންވަރަށްވުރެ ދަށްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، މިއަހަރުގެ މި މުއްދަތުގައި ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށްވެސް ވާރޭވެހޭނެ ކަމަށް ބެލެވެނީ ޢާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންނެވެ.
ރާއްޖޭގައި އިރުވައި މޫސުން ދެމިގެންދަނީ ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އިރުވައި މޫސުމަކީ އާންމުކޮށް ހޫނުގަދަ ދުވަސްވަރަކަށް ވީނަމަވެސް، މި ދުވަސްވަރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކޮންމެވެސް ވަރަކަށް ވާރޭވެހެއެވެ. ނަމަވެސް މޫސުމީ ބަދަލުތަކާއެކު ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން މެޓް އޮފީހުން ފާހަގަކުރެއެވެ.
މޫސުމާ ބެހޭ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާރިޗު މަހު މާލެ ސަރަޙައްދަށް އެވްރެޖްކޮށް 48.6 މިލިމީޓަރުގެ ވާރޭ ވެހޭއިރު، އުތުރުގެ އަތޮޅުތަކަށް 32.7 މިލިމީޓަރު އަދި ދެކުނުގެ އައްޑޫ ސިޓީ ގަމަށް އެވްރެޖްކޮށް 120.5 މިލިމީޓަރުގެ ވާރޭ ވެހެއެވެ. އެހެންނަމަވެސް މިއަހަރުގެ މާރިޗު މަހު މި ނިސްބަތްތައް ދަށްވާނެ ކަމަށް ބެލެވޭއިރު، މުޅި ރާއްޖޭގެ ފިނިހޫނުމިންވެސް ޢާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.
ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށުން ބޯފެން ހުސްވެ، މީގެ ކުރިންވެސް ސަރުކާރުން ވަނީ ކުއްލި ޙާލަތްތަކުގައި ފެން ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް ޤައުމީ ދިފާޢީ ބާރު މެދުވެރިކޮށް އަތޮޅުތަކަށް ފެން ފޮނުވުމުގެ މަސައްކަތް ކުރަންޖެހޭ ޙާލަތްތައް މީގެ ކުރިން ކުރިމަތިވެފައިވެއެވެ.
މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގައި ސަޕްލައި ފެނާއި ބަންދުކުރި ފެން ބޭނުންކުރަމުންދިޔަ ނަމަވެސް، އަދިވެސް ބައެއް ރަށްރަށުގައި ކެއިންބުއިމަށް އެންމެ ބޮޑަށް ބަރޯސާވަނީ ވާރޭ ފެނަށެވެ. އެހެންކަމުން ވާރޭވެހޭ މިންވަރު މަދުވުމަކީ މިފަދަ ރަށްރަށަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވެއެވެ.