Ads by PNC

ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އޯ.އައި.ސީ ގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ދެއްވައިފި

ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އޯ.އައި.ސީ ގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ދެއްވައިފި

ވަޒީރު ޚަލީލް ތަޤުރީރުކުރައްވަނީ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ފެބްރުއަރީ 2026، 11:54

28 ފެބްރުއަރީ 2026، 11:54

ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އޯ.އައި.ސީ ގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފި އެވެ.

ވަޒީރު މި ޔަޤީންކަން ދެއްވާފައިވަނީ، އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކެޓިވް ކޮމިޓީ އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ އޯޕަން-އެންޑަޑް ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ޤަވާއިދާ ޚިލާފަށް ބިންތައް ފޭރުމާއި، އަދި ފަލަސްތީނުގެ އިދާރީ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ކުރާ މަސައްކަތްތަކާ ގުޅެގޮތުން ކުށްވެރިކޮށް އެޅިދާނެ ފިޔަވަޅުތަކާއިމެދު މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ދެއްވި ތަޤްރީރުގައި، އިސްރާއީލުން ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ޞުލްޙައަށް އޮތް ބޮޑު ހުރަހެއް ކަމުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މިއީ ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަތުން ކަމަށް ސިފަކުރައްވައި، އެ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ވަޒީރު ވަނީ ކުށްވެރިކުރައްވާފަ އެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަޤްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެކަމުގައި ވަޒީރު ވިދާޅުވިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ޤައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްޠީނުގެ ޙައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޤަައުމެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޑރ. ޚަލީލް ވަނީ އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައި، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450