ޚަބަރު
ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވ ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި
ޙަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވ" ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ މި ޙަރަކާތަކީ، ރަމަޟާން މަހު އެކްސިޑެންޓްތައް ގިނަވެ، ފުރާނައެއް ވެސް ގެއްލިފައިވުމާއި، އަދި ޢާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ހުޅުމާލެ ފޭސް 1 ނެއިބަހުޑް ސަޕޯޓާއި ހުޅުމާލެ ޓްރެފިކް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.
މި ޙަރަކާތުގައި، މަގުމަތީގެ ރައްކާތެރިކަމަށް ޚާއްޞަ ހޭލުންތެރިކުރުމުގެ މެސެޖުތައް ހުޅުމާލޭ ފޭސް 1 އަދި 2 ގެ މަގުތަކުގައި އަޑުގަދަކުރާ މެދުވެރިކޮށް ޢާންމު ރައްޔިތުންނަށް އަޑު އިއްވާފައިވެއެވެ. ހަމަ އެއާއެކު، މީހުން އެއްވާ ސަރަޙައްދުތަކުގައި މަޑުކޮށްގެން ތިބެ މެސެޖުތައް އިއްވައި ހޭލުންތެރިކޮށް، ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މި ޙަރަކާތުގެ ތެރެއިން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެކި މަސައްކަތްތައް ފުލުހުން ގެންދަނީ ކުރަމުންނެވެ.