ޚަބަރު
ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިންމާލަނީ
މަސައްކަތުގެ އަދާހަމަ: އެމްއޭސީއެލް
ތ. ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ނިންމާލެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.
ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިފްތިތާޙުކޮށްފައިވާއިރު، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ވިލުފުށި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެވެ. އެމްއޭސީއެލުން ވިދާޅުވީ، މި މަޝްރޫޢުގައި ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެއާއެކު، ބިން ހިއްކުމަށް ވެލިއެޅުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގައި ނިންމާލެވޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓަކީ 1،800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ. މި މަޝްރޫޢޫގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢަކީ ވިލުފުށީގެ ބިމުގެ ދަތިކަން ޙައްލުކޮށް، ރަށުގެ ތަރައްޤީއަށް ބޭނުންވާ ޖާގަ އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.