ޚަބަރު
ކުރިއަށް އޮތް އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުޞަތު ހުޅުވާލައިފި
ވޯޓު ގުނުން/ފޮޓޯ: މިހާރު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު ޢައްޔަންކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މި މަންދޫބުންގެ މައިގަނޑު މަސްޢޫލިއްޔަތަކީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ.
މަންދޫބުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތައް:
- 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން
- ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކަށް ނުވުން
- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުން
- އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވަކި ދާއިރާތަކެއްގައި މަސައްކަތްކުރާ ފަރާތްތަކަށް މަންދޫބަކަށްވުމުގެ ފުރުޞަތު ނޯންނާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ވެރިންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އޮފިސަރުންނާއި، އަދި ސިފައިންނެވެ. މީގެ އިތުރުން، އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް ނުވަތަ އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެސް މަންދޫބަކަށް ނުވެވޭނެކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.
މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށެވެ.