ދުނިޔެ

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތައް އޮމާނުން ކުށްވެރިކޮށްފި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތައް އޮމާނުން ކުށްވެރިކޮށްފި

އިޒްރާއިލާއި އެމެރިކާއިން އިރާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މާރިޗު 2026، 12:10

01 މާރިޗު 2026، 12:10

އިޒްރޭލާއި އެމެރިކާ ގުޅިގެން އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް ދިން ހަމަލާތަކާ މެދު އޮމާނުން ނުހަނު ކަންބޮޑުވުން ފާޅުކޮށް، މި އަމަލަކީ މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފިއެވެ.

އޮމާނުގެ ފޮރިން މިނިސްޓްރީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ މެދު އޮމާނުން "ފުން ހިތާމަ" ކުރާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި، މިއީ އެމެރިކާގެ ހަނގުރާމައެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އޮމާނުން ސިފަކުރި ގޮތުގައި މި ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، މަސްލަހަތުތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ އުސޫލުތަކާ ހިލާފު ކަމެކެވެ.

ޑިޕްލޮމެސީއަށް ޖާގަ ދިނުމަށް ގޮވާލުން:
އޮމާނުގެ ފޮރިން މިނިސްޓަރު ބަދުރު ބިން ހަމަދު އަލް ބުސައިދީ ވަނީ މި ހަމަލާތަކާ ގުޅިގެން ވަރަށް ހަރުކަށި އިބާރާތުން ރައްދު ދެއްވާފައެވެ. "އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި. ސީރިއަސް މަޝްވަރާތަކަށް އަނެއްކާވެސް މިވަނީ ހުރަސް އެޅިފައި،" އަލް ބުސައިދީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި އަމަލުގެ ސަބަބުން އެމެރިކާގެ މަސްލަހަތަކަށް ނުވަތަ ދުނިޔޭގެ ސުލްހައަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ.

އެމެރިކާއަށް ސީދާ އިލްތިމާސެއް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ހަމަލާތަކުގެ ތެރެއަށް އިތުރަށް ވަދެގެން ނުދިއުމަށާއި، މިއީ އެމެރިކާގެ ހަނގުރާމައެއް ނޫން ކަމަށެވެ. ހަމަލާތައް ދިނުމުގެ ކުޑަވަގުތުކޮޅެއް ކުރިން ދެއްވި އިންޓަވިއުއެއްގައިވެސް އޭނާ ވަނީ އީރާނުގެ ނިއުކްލިއާ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ހަނގުރާމަ ނޫން ކަމަށާއި، އެއީ ޑިޕްލޮމެސީ ކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގެ ދައުރު:
އޮމާނުން ވަނީ ހުރިހާ ފަރާތްތަކުން ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަށާއި ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ކޮންމެ ގައުމަކަށްވެސް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އޮންނާނެ ކަމަށް އޮމާނުން ގަބޫލުކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން ބުނިގޮތުގައި، ނިއުކްލިއާ މައްސަލައިގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ. ނަމަވެސް، އިޒްރޭލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނާއެކު ބޭއްވުނު މަޝްވަރާތަކަކީ ހަމަލާއަކަށް ތައްޔާރުވުމަށް އޮޅުވާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކަންތައްތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450