ޚަބަރު
ދީނަށް ފުރައްސާރަ ކުރާ މީހަކު ޕީއެންސީއަށް ތާޢީދު ކުރުމަކީ ޕާޓީއާ ގުޅުން އޮތް ކަމެއް ނޫން: ޕީއެންސީ
ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:ޕީއެންސީ
ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހަކު، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަދެއްކުމަކީ އެ ޕާޓީއާ އެއްވެސް ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިސްލާމްދީނަށް ފުރައްސާރަކުރުން ފަދަ އަމަލުތައް އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހަކު ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ ޕާޓީގެ ރަސްމީ ނިންމުމެއް ނޫން ކަމަށްވެސް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ތަހުގީގަށް ހޯދަމުންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލި މައްސަލައަކާ ގުޅިގެން ހ. ފިލިކުރިގެ، އަޙްމަދު ޢާމިރު (51އ) އެވެ.
ފުލުހުން ވިދާޅުވީ، ޢާމިރު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އޭނާ ހާޒިރުވުމަށް މިހާރު ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.
އަޙްމަދު ޢާމިރު ހާޒިރުވާން އަންގާފައިވަނީ ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ. އޭނާ ހާޒިރުވާންވީ ތާރީޚަކީ 2026 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 16:00 އަށެވެ. އޭނާ ހާޒިރުކުރެވެނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.