ޚަބަރު
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތަށް އަތުވެދާނެ ބަދަލުތައް ދަނީ ގާތުން ބަލަމުން: މާލީ ވުޒާރާ
މާލީ ވުޒާރާ--
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތަށް އަތުވެދާނެ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އެ ވުޒާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.
އަދި މި ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި އެ ވުޒާރާއިން ކުރަމުންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ގުޅިގެން އެ ވުޒާރާއިން ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމަށާއި، މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، ޢާންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރޭވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ހަމަ އެއާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިޤްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިޤްތިޞާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށާއި، ޤައުމުގެ އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަކީ އެ ވުޒާރާއިން އަބަދުވެސް އިސްކަންދޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
އަދި މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުންހިފަހައްޓައި، އިޤްތިޞާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށްވެސް މާލީ ކަންކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.