ޚަބަރު
ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ދީފި
ވައިގެ ދަތުރުފަތުރު/ފޮޓޯ: އެޓޯލް ޓައިމްސް
ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ދީފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި، އެ ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ޙާލަތު ގާތުން ބަލަމުން އަންނަކަމަށެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ، ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކާއި، ޚާއްޞަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން އެ ވުޒާރާއިން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ވުޒާރާގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުން ކަމަށެވެ. އެގޮތުން، މިހާތަނަށް މެދުއިރުމަތިން ދަތުރުކުރާ ބައެއް އެއަރލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއަރލައިންތަކުގެ ދަތުރުތައް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، މި ޙާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއަރލަިއންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން އެފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވެވިއެވެ.
އަދި މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހިއްސާކުރަމުންދާނެ ކަމަށާއި، މި ދަނޑިވަޅުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް އެ ވުޒާރާއިން ވަނީ ޝުކުރުދަންނަވާފައެވެ.