ޚަބަރު
ފެބުރުވަރީ މަހު ރާއްޖެ އަށް 247،722 ފަތުރުވެރިން ޒިޔާރަތް ކުރި
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް. ފޮޓޯ: މޯލްޑިވްސް ބިޒްނަސް ޓައިމްސް
މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް 247،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު 15.7 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރީ 227،198 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި 247،722 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 474،920 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 76،642 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 54,027 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އިޓަލީވިލާތުން 46,257 ފަތުރުވެރިން، އިނގިރޭސިވިލާތުން 43,682 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 28,949 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގިނަ މީހުން ދަތުރުކޮށްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 473,855 ފަތުރުވެރިން ވައިގެ މަގުން އައިސްފައިވާއިރު، ކަނޑުމަގުން ޒިޔާރަތްކޮށްފައިވަނީ 1,065 ފަތުރުވެރިންނެވެ. ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު ތަނަކަށް ވެފައިވަނީ ރިސޯޓްތަކެވެ. ރާއްޖެ އައި ފަތުރުވެރިންގެ 68.2 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ޖުމްލަ 1,286 ތަނެއް ވަނީ ހުޅުވާފައެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތައް ހިމެނެއެވެ. މި ހުރިހާ ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 67,258 އެވެ.