ޚަބަރު
މެދުއިރުމަތީގެ މަސްލަހަތާ ގުޅިގެން އުމްރާވެރިން ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި
ރާއްޖޜގެ އުމްރާވެރިން
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި އުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ މަސްލަހަތަށް އަންނަ ބަދަލުތަކާ ގުޅިގެން އުމްރާވެރިންގެ ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު 77777 އަށް ނުވަތަ ޖިއްދާގައި ހުންނަ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު 193329+ އަށް ވީ އެންމެ އަވަހަކަށް އެންގުމަށް ވަނީ އެދިފައެވެ.
އުމްރާވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޚާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. މި ހޮޓްލައިން ގާއިމުކޮށް ނިމުމުން އެކަން އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް ވުޒާރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، އުމްރާ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ކަމާގުޅުންހުރި ރަސްމީ އިދާރާތަކުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވުޒާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މިވަގުތު މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ހާލަތު އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.