ޚަބަރު
ޚާރިޖީ ވަޒީރުގެ އަރިހަށް ޔޫ.އޭ.އީ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ.) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝައިޚް ރަޙްމާ ޢަބްދުއްރަޙްމާން އަލްޝަމްސީ، ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ، ސަފީރު އަލް ޝަމްސީ ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް އާއި ސަފީރު އަލްޝަމްސީ ވަނީ، މެދުއިރުމަތީގެ މިހާރުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހަމަ އެހެންމެ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޔޫ.އޭ.އީ. ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ހަމަ އެއާއެކު، ވަޒީރު ޚަލީލް ވަނީ ޔޫ.އޭ.އީ. އާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ނުހަނު އިސްކަންދޭކަން ހާމަކުރައްވާ، ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގާތް އަޚުވަންތަ ގުޅުން އިތުރަށް ކުރިއަރައި ފުޅާވެގެންދާނެކަމުގެ އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، ވަޒީރު ވަނީ، ޔޫ.އޭ.އީ. ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާ، ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ޔޫ.އޭ.އީ. ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.